އިސްލާމް ދީނަށް ފުރައްސާރަކުރުން ހުއްޓުވިއްޖެނަމަ ކަންކަން ހައްލުވެގެންދާނެ: ޝައިޚު ޒައިދު

އައްޝައިޚު އަލީ ޒައިދު

އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ އެ އަމަލުތައް ހުއްޓުމަކަށް ގެނެވިއްޖެނަމަ ވަރަށް ގިނަ ކަންކަން ހައްލު ވެގެންދާނެ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދީނަށް ފުރައްސާރަކުރުން އިތުރވެފައިވާ ދަނޑިވަޅެއްގައި އަދި އެފަދަ މީހުންގެ ހިމާޔަތުގައި ސަރުކާރުގެ މުއައްސަސާތައްވެސް ނުކުންނަމުން ގެންދާ ދަނޑިވަޅެއްގައި ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަައި ވަނީ އިސްލާމް ދީނަށް މަލާމަތްކޮށް، ދީނުގެ ހުކުމްތަކަށް ގޮންޖަހާ، ކިޔަމުންދާ ފާޑުކިޔުންތަކާ އަދި ކުރަމުން އަންނަ ފުރައްސާރަވެސް ހުއްޓުވިއްޖެނަމަ އެއީ ވަރަށްވެސް ރަގަޅުކަމެއް ކަމަށެވެ.

އަދި އެގޮތަށް އެކަން ކުރެވިއްޖެނަމަ މިހާރު މުޖުތަމަޢުގެ ތެރޭގައި ދިމާވެގެން އުޅޭ ގިނަ މައްސަލަތަަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ޒައިދުގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެވިސްނުމަކީ ޚުދު އޭނާގެ އަމިއްލަ ތަޞައްވުރު ކަމަށާ އޭނާގެ ނަޒަރުގައި މީސް މީޑީޔާގެ އެކި ޕްލެޓް ފޯމްތަކުގައި ބޭނުންކުރަމުން އަންނަ ފޭކް އެކައުންޓްތައްވެސް ހުއްޓުވަން ޖެހޭ ކަމަށްވެސް ޒައިދު ވިދާޅުވެފައިވެއެވެ.

އެފަދަ މޭރުމަކުން ޒައިދު ޓްވީޓު ކުރައްވާފައިވަނީ، މި ދުވަސް މީސްމީޑިޔާގައި އެކި އެކި ފަރާތްތަކުން، އިސްލާމްދީނުގެ ހުކުމްތަކަށާ އަދި ދީނުގެ އެކިއެކި ކަންކަމަށް ފާޅުގައި ފާޑިކިޔަމުން އަންނަ ދުވަސްވަރެއްގައެއެވެ. އެގޮތުން ބައެއް މީހުން ބުނަމުން އަންނަނީ ޒިނޭ ކުރިއަސް ރަޖަމު ކުރަން ނުޖެހޭ ކަމަށާ ޠައުބާވުމުން އެކަން ނިމުނީކަމަށެވެ. އަދި އަނެއްބަޔަކު އަންނަނީ އިސްލާމްދީނުގައި އެންމެ މުގައްދަސް އެއްތަން ކަަމަށްވާ މިސްކިތްތަކާ ގުޅޭގޮތުން ފާޑުކިޔަމުންނެވެ. މިއީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ދެވިގެންވާނެ މިނިވަންކަމެއް ނޫން ކަމަށާ "ލާދީނީ" ފިކުރުގެ މީހުންނަށް ރައްދު ދިނުމަކީ ޤައުމީ ވާޖިބެއް ކަމަށް ދީނީ އިލުވެރިން ގެންދަނީ ބުނަމުންނެވެ.

އަދި އެކަމާ ގުޅިގެން އިސްލާމްދީނުގެ ދިފާއުގައި މަސައްކަތް ކުރާ މީހުންނާ ސެކިއުލަރ ނުވަތަ ލާދީނީ ފިކުރު މީހުންގެ ދެމެދުގައި މީސް މީޑިޔާގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދަނީ ބަދަލުކުރެވެމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...