އެއްވެސް މީހެއްގެ ނުރުހުމުގައި ސޮއިކޮށްފައި ނުވާނެ: އަބްދުރަހީމް

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަަހީމް އަބްދުﷲ. ފޮޓޯ:ޗެނެލް13

އެއްވެސް މީހެއްގެ ނުރުހުމުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއަށް ސޮއި ކޮށްފައި ނުވާނެކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ރަޖިސްޓްރީ ކުރުމަށް 4000 ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް އެ ކޮމިޝަނުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ވަނީ އެ ފޯމުތަކުގައި މައްސަލަ ހުރިކަމަށް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުން ގެންދެވީ އެ ފޯމުތަކަކީ މީހުންގެ ނުރުހުމުން ފުރާފައިވާ ފޯމުތަކެއްކަމަށެވެ.

އެފަދައިން ދެއްކެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެއްވެސް މީހެއްގެ ނުރުހުމުގައި ފޯމުތަކުގައި ސޮއިކޮށްފައި ނުވާނެކަމަށެވެ. އަދި އެއްވެސް މީހަކަށް ނޭނގި އެއްވެސް މީހެއްގެ ފޯމު ފުރާފައި ނުވާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ޕީއެންސީއަށް ސޮއި ކުރެއްވި ހުރިހާ ބޭފުޅުންވެސް ސޮއި ކުރެއްވި ހިތުން ރުހުމުން ކަމަށެވެ. އަބްދުއްރަހީމް އެފަދައިން ޓްވީޓު ކުރައްވާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީއަށް ވަނުމަށް ރައްޔިތުން ދަނީ ސޮއި ކުރަމުންނެވެ. އަދި ޕީޕީއެމް ފަދައިން ރާއްޖޭގައި އެންމެ ގިނަ މެމްބަރުން އެކުލެވޭ ޕާޓީއަކަށް އެ ޕާޓީ ވެގެންދާނެކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށް އަބްދުއްރަހީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ފޯމުތަކާއި ގުޅޭގޮތުން އީސީއިން ސުވާލު އުފައްދަވާފައިވާއިރު އެ ކޮމިޝަނުން ވަނީ ޕީޕީއެމަށްވެސް ތަފާތު ގޮތްތަކުން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވާފައި. އަދި ޕީޕީއެމުން ވަނީ އެކި ފަހަރުމަތިން އެކަންތައް ކުށްވެރިވެސް ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...