ހެލްމެޓް އެޅުން މަޖުބޫރު ކުރަނީ!

ރިންގް ރޯޑާއި ބްރިޖް މަތީގައި ސައިކަލް ދުއްވާ ފަރާތްތަކުން ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

އެކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވަނީ އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ބްރިޖް ހުރަސް ކުރާއިރު ހެލްމެޓް އެޅުމަށް މަޖުބޫރު ކުރުމަށް ނިންމަވާފައިވަނީ އެކްސިޑެންޓްތައް ގިނަވާތީ ކަމަށެވެ. އަދި ހެލްމެޓް ބޭނުން ކުރަން ފެށުމުން އެ ހާދިސާތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ހެލްމެޓް އެޅުން މަޖުބޫރުކޮށް އަންނަ މާރޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ނިންމުމާއި ކިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ އިތުރަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވި ފޯރަމުގައި އާއްމުންގެ ފަރާތުން ގިނަ ޚިޔާލުތަކެއް ލިބިފައިވާތީ މާލެ، ހުޅުމާލެ، އަދި ހުޅުލެއާއި ދެމެދު ދަތުރުކުރުމަށް މީޓަރ ޓެކްސީވެސް ތަޢާރަފު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...