ދީނަށް ފުރައްސާރަކުރުން އޯކޭ އެކަމަކު ދީނުގެ ދިފާޢުގައި ވާހަކަ ދެއްކުން އޯކޭ އެއް ނުވި!

އިސްލާމް ދީނަށް ފާޑު ކިޔާ އަދި ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑު ކިޔާ ފަރާތްތަކަށް އިންޒާރު ދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ

މިކަމާ ގުޅޭގޮތުން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑު ކިޔުމާއި، ދީނީ ޝިއާރުތަކާއި އުސޫލުތަކަށް ފާޑު ކިޔާ ފަރާތްތަކާއި އަދި އެފަދަ އަމަލުތަކާއި ގުޅިގެން ވަކި ވަކި ފަރުދުންގެ މުދަލާއި ނަފްސާއި މުދަލަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކުގެ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ހިންގާ ބައެއް މުއާމަލާތްތަކުގައި ރައްޔިތުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި މަސްލަހަތަށް ބުރު އަރާފަދަ ބަސް މަގު ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ ބައެއް މުއާމަލާތްތަކަށް ރައްދު ދިނުމުގެ ގޮތުން އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށް ހިތްވަރު ލިބޭފަދަ ބަސްމަގު ބޭނުންކުރާ ކަމަށެވެ.

ފުލުހުން އެ މޭރުމުން ބަޔާނެއް ނެރެފައިވާއިރު، މީސް މީޑިޔާގައި މަޝްހޫރުކަން ހޯދާފައިވާ، ރާއްޖޭގައި ހިނގާ ދީނީ ކަންކަމާ ބެހޭ ގޮތުން ހިޔާލު ފާޅުކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ "ސިރޫ އާޓްސް" ހިންގާ މުހައްމަދު ސިރުހާން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ސިރުހާން ހާޒިރުކޮށްފައި ވަނީ ރުޅިވެރިކަން އުފެދޭ ވާހަކަތަކާއި ބިރު ދެއްކުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނިތާ ދެ ދުވަސް ފަހުންނެވެ.

ސިރުހާންގެ "ސިރޫ އާރޓްސް" އިން އާންމު ގޮތެއްގައި ޚިޔާލު ފާޅުކޮށްފައިވަނީ ދީނާ ޚިލާފަށް ޚިޔާލުފާޅު ކުރާ މީހުންނަށް ރައްދު ދޭ ޕޭޖެއްގެ ގޮތުގައެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ފުލުހުން އެހެން ވިދާޅުވެފައިވަނީ، އިސްލާމް ދީނަށް ފާޑު ކިޔުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދާ ދުވަސްކޮޅެއްގައި ކަމެވެ. އެގޮތުން ބައެއް ފަރާތްތަކުން މީސް މީޑިޔާގައި އަދި ވަކިން ޚާއްޞަކޮށް ޓްވިޓަރގައި ވެސް ދަނީ ދީނާ ޚިލާފު އެތައް ވާހަކައެއް އާއްމު ކުރަމުންނެވެ. އެގޮތުން، މިސްކިތްތަކާއި ބެހޭގޮތުންނާއި ދީނީ ޢިލްމުވެރިންނާ ބެހޭ ގޮތުން ދައްކަން ނުވާނެ ފަދަ އެތައް ވާހަކަތަކެއް އެތައް ފަރާތަކުން ދަނީ ދައްކަމުންނެވެ.

އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެކަކަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އައިޝަތު އާނިޔާއެވެ. ސޯޝަލް މީޑިޔާ މެދުވެރިކޮށް ފާޅުގައި އިސްލާމްދީނުގެ ކަންކަމަށް އާނިޔާ ބަސް ބުނަމުން ގެންދާއިރު އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ނުވެއެވެ.

ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ދީނަށް ފުރައްސާރަކޮށް އެކި އެކި ޕްލެޓް ފޯމްތަކުގައި ވާހަކަ ދައްކަމުންދާ މީހަކާ އެކަމާމެދު ސުވާލުކުރުމުގެ ބަދަލުގައި ދީން ހިމާޔަތްކޮށް ދީނުގެ ދިފާޢުގައި ވާހަކަ ދައްކާ މީހާ ފުލުހަށް ހާޒިރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދީނީ އިލުމުވެރިން ގެންދަވަނީ ބުނަމުންނެވެ. އެގޮތުން އައްޝައިޚް މުހައްމަދު ޝާފިއު ވިދާޅުވެފައިވަނީ، ދީނަށް ފުރައްސާރަކުރާ އެއްވެސް މީހަކު ފުލުހަށް ހާޒިރުނުކޮށް، ދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ މީހަކު ފުލުހަށް ހާޒިރުކުރުމުން ލިބޭ މެސެޖް ވަރަށް ސާފު ކަމަށެވެ.

މީގެ 800 އެތައް އަހަރެއް ކުރިން މި ޤައުމުގައި ދިއްލިގެން އައި އިސްލާމީ ނޫރުގެ އަލިކޮޅު ފަނޑުވަމުންދާކަމުގެ އިހުސާސް މިވަނީ ކުރެވެން ފަށާފައެވެ. ދީނުގެ ދިފާއުގައި ބަސްބުނާ މީހާގެ ދިފާޢުގައި ނުކުތުމުގެ ބަދަލުގައި ދީނަށް ފުރައްސާރަކޮށް ދީނީ ކަންކަމަށް ހަޖޫޖަހާ މީހާ ހިމާޔަތްކުރުމަށް މިއަދުގެ ސަރުކާރާ އަދި ދިވެހި ފުލުހުންވެސް ފާޅުގައި ނުކުންނަމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ.

ކަންމިހެން އޮތްއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއަދު މިޤައުމުގެ އިސްތިގުލާލާ މިނިވަންކަމާ ސިޔާދަތު ހިމާޔަތްކުރަން އެންމެ އިސްކޮށް މަސައްކަތް ކުރަން ޖެހޭ ބަޔަކީ މިޤައުމުގެ ފުލުހުން ކަމަށްވެފައި އެ އިދާރާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާއަކީ މިޤައުމުގައި ދީނީ ގޮތުން ފުންނާބު އުސް ބޭފުޅެއް ކަމެވެ.

ނަމަވެސް ހިތާމަޔަކީ ފުލުހުންގެ އެފަދަ ބަޔާންތަކާ ދެކޮޅަށް ބަހެއް ވިދާޅުވާން އެ މިނިސްޓަރަށް ކެރިވަޑައިނުގަންނަވާ ކަމެވެ. މަޤާމު ގެއްލިދާނެތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ރާއްޖޭގައި ދީނީ ކަންކަމުގައި ބަސް ބުނުމަށް އުފައްދާފައިވާ ޕާޓީއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓިގެ ރައީސެއްގެ ހައިޞިއްޔަތުންވެސް ޝައިޚު އިމްރާނަށް ބަސްފުޅެއް ވިދާޅުވާން ކެރިވަޑައިނުގެންނެވިއެވެ.

ފެނިގެން މިދަނީ ދީނަށް ފުރައްސާރަކުރާ މީހާ މިސަރުކާރަށް އޯކާވެގެން ދިޔަ މަންޒަރެވެ. އަދި އެފަދަ މީހުންގެ ދިފާޢުގައި ފުލުހުން ނުކުންނަ މަންޒަރެވެ. އަދި ދީނުގެ ހިމާޔަތުގައި ބަސްބުނާ ރައްޔިތުމީހާ ހުރަގެއަަށް ހާޒިރުކުރެވިގެންދާ މަންޒަރެވެ. މިއީ މި ސަރުކާރުން ދީނީ ކަންކަމަށް އަހައްމިއްޔަތުކަން ދެއްވާ އުޞޫލުބާއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...