ސެކިއުލާ ވިސްނުން ގެންގުޅޭ މީހުން ހިމާޔަތްކުރުމުން އިލްމުވެރިން އެކަމާ ދެކޮޅުވެއްޖެ

ސެކިއުލާ ވިސްނުމަށް ނުވަތަ ލާދީނީ ފިކުރަށް ތާއިދުކޮށް ވާހަކަދައްކާ މީހުންގެ ހިމާޔަތުގައި ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރަތީ އެކަމާއި ގިނަ ދީނީ އިލްމުވެރިން ދެކޮޅުވެރިވެއްޖެއެވެ.

އިސްލާމްދީނުގެ ދިފާޢުގައި ބަސްބުނާ އަދި ދީނީ ކަންކަމާމެދު ޚިޔާލުފާޅުކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ"ސިރޫ އާރޓްސް" ހިންގާ ސިރުހާނު މުހައްމަދު ފުލުހަށް ހާޒިރުކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގިނަ ޢިލްމުވެރިންވަނީ ސިރުހާނުގެ ދިފާޢުގައި ވާހަކަދައްކަވާފައެވެ. އެގޮތުން އައްޝައިހް އަހްމަދު މިހުސަން ވިދާޅުވީ ދީނުގެ އަދުއްވުން ހިމާޔަތް ކޮށްދީ، ދީނުގެ މުޖާހިދުންނަށް ބިރުދައްކަން ތަޙްޤީޤު ހިންގުމަކީ ހަމަ ލާދީނީކަން ކަމަށެވެ. އެކަމާ ގުޅިގެން އައްޝައިހް މުހައްމަދު ޝާފިއު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރާ އެއްވެސް މީހަކު ފުލުހަށް ހާޒިރުނުކޮށް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން މަސައްކަތް ކުރާ މީހަކު ފުލުހަށް ހާޒިރު ކުރުމުން ލިބޭ މެސެޖް ވަރަށް ސާފު ކަމަށެވެ.

ސިރުހާންގެ މަސައްކަތާ ގުޅިގެން އައްޝައިހް މުހައްމަދު ނަޝީދު ވިދާޅުވީ "ސޯޝަލް މީޑިއާގެ ޕްލެޓްފޯމްގައި އެވާޖިބު (ކީރިތި މާތްﷲ ގެ ވާގިފުޅާއި އެކު) އަދާކުރަމުން ދަނީ އަޚު މުހައްމަދު ސިރުހާން ކަމަށާ އެހެންކަމުން މުހައްމަދު ސިރުހާނަށް ތާއީދާއި ސާބަސް ޙައްގުކަމަށެވެ.

 ސިރުހާނު ފުލުހަށް ހާޒިރު ކުރުމުން އެކަމާ ނުރުހުން ފާޅުކުރައްވާ، އައްޝައިހް މުހައްމަދު ލަތީފް ވިދާޅުވެފައިވަނީ ޤުރުއާނާއި ސުންނަތުން ސާބިތުވާކަމަކަށް އިންކާރުކުރުމަކީ މުރުތައްދުވާނެ ކަމެއްކަމަށާ އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ޝައިޚް ލަތީފު ވިދާޅުވެފައިވަނީ، އިސްލާމީ ޝަރީޢަތުގެ ވާހަކަ ދައްކަންވާނީ އެ ޝަރީޢަތް ދަންނަ މީހުންކަމަށެވެ. އެހެން ނޫނީ ނޭނގެތިބެ ﷲ ގެ މައްޗަށް ބަސްބުނެވިދާނެ ކަމަށާ އެހެން އެކަންވެއްޖެނަމަ އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. އަދި ޤުރްއާނާއި ސުންނަތުން ސާބިތުވާކަމަކަށް އިންކާރުކުރުމަކީ މުރުތައްދުވާނެކަމެއް ކަމަށްވެސް ޝައިޚް ލަތީފުވަނީ ވިދާޅުވެފައެވެ.

ލާދީނީ މީހުން ހިމާޔަތް ކުރުމާއި ދެކޮޅަށް އިލްމުވެރިންތަކެއް އަޑުއުފުލާފައިވާއިރު އެކަމާ އަޅާނުލައްވާ ތިއްބެވި ދީނީ އިލްމުވެރިންވެސް އެބަތިއްބެވިކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ސަރުކާރަށް ތާއިދު ކުރާ އިލްމުވެރިން ކަމަށްވާ އައްޝައިހް އިލްޔާސް ހުސައިން އާއި ޑރ.މުހައްމަދު އިޔާޒް ފަދަ ބޭފުޅުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
 
އަދި ލާދީނީ މީހުން ހިމާޔަތް ކުރާކަމުގެ ތުހުމަތު އެންމެ ބޮޑަށް އަމާޒުވެފައިވާ، ފުލުހުންގެ އިދާރާ ޙަވާލުވެފައިވާ މިނިސްޓްރީގެ ވަޒީރަކަށްވެސް ހުންނެވީ ރާއްޖޭގައި ފުންނާބުއުސް ދީނީ އިލްމުވެރިއަކަށް ވެވަޑާއިގަންނަވާއިރު އެމަނިކުފާނުގެ ބަހެއްވެސް އެކަމުގައި ނެތްކަން ފާހަގަކުރެވެއެވެ.

އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މީހުންނަށް ފާޑުކިޔާ ސިރޫ އާޓްސްގެ ނަމުގައި ފޭސްބުކް ޕޭޖެއް ހިންގަމުން އަންނަ މުހައްމަދު ސިރުހާން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ.
ސިރުހާން ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް މުސްލިމުން ހިތްހަމަނުޖެހޭ ގޮތައް ވާހަކަތައް ދެއްކުމުން ގިނަ ބައެއްގެ ނުރުހުން ލިބިފައިވާ އައިޝަތު އާނިޔާ އާއި އިބްރާހިމް އިސްމާއިލް (އިބުރާ) ފުލުސް އޮފީހަށް ހާޒިރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނެެތެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...