ލަޔާލް މަނިކުއަށް ރައީސް ސޯލިހުގެ ސަރުކާރުން ދަތިތަކާއި ކުރިމަތި ކުރުވަނީ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަތިތަކާއި ކުރިމަތި ކުރުވަމުންގެންދާ ކަމަށް ޕީޕީއެމްގެ ފަރާތުން މަތިވެރި ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ލަޔާލް މަނިކް ބުނެފިއެވެ. 

ލަޔާލް މަނިކުގެ ގެ ފާސްކުރުމަށް ފުލުހުން އެތަނަށް ވަނުމާ ގުޅިގެން ޗެނަލް 13 އަށް މައުލޫމާތު ދެމުން ލަޔާލް ބުނީ ރައީސް ސޯލިހުގެ ސަރުކާރުން އޭނާއަށް ތަފާތު ގޮތްތަކުން ދަތިކުރަމުން ގެންދާ ކަމަށެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި އޭނާ މަގުމަތީގައި ހިނގާބިގާވެ އުޅޭ ގަޑިތަކުގައި ފުލުހުން އޭނާ ހުއްޓުވައި ފާސްކުރުމާއި ގެއަށް ވަދެ ފާސްކުރުން ހިމެނޭ ކަމަށް ލަޔާލް ބުންޏެވެ.

އެފަދައިން ރައީސް ސޯލިހުގެ ސަރުކާރުން އޭނާއާއި ދޭތެރޭ ކަންތައްތައް ކުރަން ފަށާފައިވަނީ އޭނާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާކަން އިއުލާނު ކުރުމުން ކަމަށްވެސް ލަޔާލް ވަނީ ބުނެފައެވެ. އަދި މިއަދު ފުލުހުންގެ ތަފާތު ޓިމުތަކުން އޭނާ މަގުމަތިން ހުއްޓުވައި ފާސްކުރަމުން ގެންދާއިރު އެއީ މުޅިން ޤާނޫނާއި ޚިލާފު ކަންތައްތައް ކަމަށް ވެސް ލަޔާލް ފާހަގަކުރިއެވެ.

"އަޅުގަނޑަށް މި ސަރުކާރުގެ ތެރެއިން ވަރަށް ގިނަ އުދަނގޫތަކެއް ކުރިމަތިވަމުން އެބަދޭ. ހާއްސަ ގޮތެއްގައި އަޅުގަނޑު ސިޔާސީ މައިދާނަށް ނިކުތް ފަހުން ވަރަށް ބައިވަރު ދަތިތައް އެބަ ކުރިމަތި ކުރުވާ. އޭގެ ތެރޭގައި އަޅުގަނޑު މަގުމަތިން ދަނިކޮށް ތަފާތު އެކި ފަހަރު މަތިން އެއްވެސް ސަބަބެއް ނެތި އަޅުގަނޑު ބަލައި ފާސްކުރުން ހިމެނޭ." ލަޔާލް ބުންޏެވެ.

ލަޔާލް އިތުރަށް ބުނީ އޭނާގެ ގެއަށް ވަދެ ފުލުހުން ފާސްކުރަމުން ގެންދާއިރު ކޯޓު އަމުރެއް ވެސް އޭނައަށް ދައްކާފައިނުވާ ކަމަށް. އަދި އެ ގެއަކީ އެކި އެޕާޓްމެންޓްތަކުގައި މީހުން ކުއްޔަށް ވެސް ދިރިއުޅޭ ގެއަކަށްވެފައި އެ އެޕާޓްމަންޓްތައް ފާސްކުރާތީ އެ ފަރާތްތަކަށް ދަތިވާ ކަމަށެވެ. އަދި ފުލުހުން އެ ގެ ފާސް ކުރަމުން ގެންދާއިރު އޭނާގެ ނަން ބޭނުން ކުރަމުންދާ ކަމަށްވެސް ލަޔާލް ބުންޏެވެ. 

"އަޅުގަނޑުގެ ގެއަކީ ތަފާތު ފަރާތްތަކުން ކުއްޔަށް ހިފައިގެން އުޅޭ ގެއެއް. ނަމަވެސް އެކި ފްލޯތައް އެއްވެސް ސަބަބެއް ނެތި ބަލައި ފާސްކުރަމުން އެބަގެންދޭ. އަދި ޢޭގެ ތެރޭގައި އަޅުގަނޑުގެ ނަން (ލަޔާލް މަނިކް) ބޭނުންކޮށްގެން އެ ބޭފުޅުން ގޭގޭގެ އެކި ފްލޯތައް ފާސްކުރަމުންދާކަން ފާހަގަކޮށްލެވޭ". ލަޔާލް ބުންޏެވެ.

ލަޔާލް ބުނީ ރައީސް ސޯލިހުގެ ސަރުކާރުން އޭނާއަށް ކުރިމަތިކުރަމުންދާ ދަތިތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެކަނަތައްތައް މިހާރުން މިހާރަށް ހުއްޓަލަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ނަން ބޭނުންކޮށްގެން އޭނާގެ ގޭގައި ދިރިއުޅޭ ފަރާތްތަކަށް ދަތި ނުކުރުމަށްވެސް ލަޔާލް ވަނީ އެދިފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...