ރައީސް ޔާމީން މިއަދުވެސް ފުލުހަށް ހާޒިރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ސިޔާސީ މައްސަލައެއްގައި ކަމަށާއި ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ. ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި ކަމަށާއި އޭގެތެރެއިން އެއް ކަމަކީ އެމަނިކުފާނުގެ އެކައުންޓަށް ވަތް ފައިސާތަކަކާއި ބެހޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އަދި އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި އެކައުންޓަށް ވަތް ފައިސާތަކެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

ދެވަނަ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އޭސީސީއާ ހަވާލުކުރި ފައިސާ ޖަމާކޮށްފައިވާ ގޮތާ މެދު ސުވާލު ކުރުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން އެދުވަހު ވިދާޅުވީ، ބީއެމްއެލްގެ ކްރޮސް އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާނީ އެކަން ކުރުމާ ގުޅޭގޮތުން އޭސީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ އެއްބަސްވުމަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަންސަވީސް ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއް ކަމަށާއި، ފައިސާ ޖަމާކޮށްފައިވަނީ ޖޫން މަހުގެ ކުރީކޮޅުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ދިގު މުއްދަތެއް ވޭތުވެފައިވާކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ، ފައިސާ ޖަމާކުރި ގޮތާ މެދު އޭސީސީން ސުވާލުތަކެއް ކުރަން ހުރިނަމަ، ސުވާލު ކުރަން ވީ މިއަދު ނޫން ކަަމަށާއި އެކަން ކުރަން ދިގު މުއްދަތެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވެސް ޤާނޫނު ނަގަހައްޓާ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނެވީ އެމަނިކުފާނު ކަމަށާއި އެމަނިކުފާނު ގޯހެއް ހައްދަވާފާނެ ކަމަށް ހީކުރުމަކީ ވެސް ގޯހެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...