މެގީ ނޫޑްލްސްގައި ޞިއްހަތަށް ގެއްލުންވާ މާއްދާއެއް އެކުލެވިގެންވޭ: ނެސްލޭ

ދެކުނު އޭޝިއާގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ މެގީ އިން އުފައްދާ ނޫޑްލްސްގައި އިންސާނުންގެ ސިއްހަތަށް ނުރައްކާވާ މާއްދާއެއް އެކުލެވިގެންވާ ކަމަށް އެ ނޫޑްލްސް އުފައްދާ ކުންފުނި، ނެސްލޭ އިން އިއުތިރާފުވެއްޖެއެވެ.

ނެސްލޭއަށް ކުރަމުން އައި ތަފާތު އެކި ތުހުމަތުތަކާ އެކު ނޭޝަނަލް ކޮންސިއުމާ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަން (އެންސީޑީއާރްސީ) އިން އިންޑިޔާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ނެސްލޭގެ ވަކީލް، އަބިޝެކް މަނޫ ސިންގްވީ ވަނީ މެގީގެ އުފެއްދުންތަކުގައި އިންސާނުންގެ ސިއްހަތަށް ގެއްލުން ލިބޭ މާއްދާއެއް ކަަމަށްވާ "ލެޑް" އެކުލެވިގެންވާ ކަމަށެވެ. އެގޮތުން މެގީ ނޫޑްލްސްގައި އެ މާއްދާ ވަރަށް ގިނައިން އެކުލެވިގެންވާނެ ކަމަށްވެސް ސިންގްވީ ވަނީ އިއުތިރާފްވެފައެވެ.

ނަމަވެސް ނެސްލޭއިން މީގެ ކުރިން ބުނަމުން އައީ އެކުންފުނީގެ އުފެއްދުންތަކުގައި ލެޑް ހުންނާނީ ސިއްހީ ގޮތުން ގެއްލުން ނުލިބޭ މިންވަރަށް ކަމަށެވެ. އަދި ދާދި ފަހަކާ ޖެހެންދެން ވެސް ނެސްލޭ އިން ވަނީ މެގީ ނޫޑްލްސްއަކީ އަބަދުވެސް އިންސާނުންނަށް ގެއްލުމެއް ނުވާ، އަދި ފައިދާހުރި ނޫޑުލީހެއް ކަމަށް ބުނެ ކެމްޕޭނެއް ވެސް ކޮށްފައެވެ. ނެސްލޭއިން ބުނެފައިވަނީ ދުނިޔޭގެ ވަޔާއި، ފެނުގައި ވެސް ލެޑު ހިމެނޭ ކަމަށާއި އެއީ އެމީހުން އިތުރަށް އަޅާ ކެމިކަލެއް ނޫން ކަމަށް ވެސް ދިފާއުގައި ބުނެފައިވެއެވެ. އަދި އެތައް ފަހަރަކު މަތިިން ނޫޑުލީހުގެ މާއްދާތައް ޓެސްޓުކޮށް އިންސާނުންނަށް ގެއްލުމެއް ނެތް ކަން ސާބިތުވެފައިވާ ކަމަށް، ކޯޓުގައި ނެސްލޭގެ ދިފާއީ ޓީމުން ބުނެފައިވެއެވެ.

ނެސްލޭގެ އުފެއްދުންތަކުގައި ކެމިކަލް ހުރި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެކުންފުނީގެ އުފެއްދުންތަކެއް އިންޑިއާ ސަރުކާރުން ނައްތާލުމުން ގެއްލުމުގެ ބަދަލު ހޯދަން ނެސްލޭ އިން މަސައްކަތް ކުރުމުންނެވެ.

އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކެމިކަލް ހުރި އެއްޗެހި ނައްތާލުމުން ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭން ނުޖެހޭނެ ކަމަށެވެ. 2017 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ނެސްލޭގެ އުފެއްދުންތަކެއް ނައްތާލާފައިވެސްވެއެވެ. އެ މައްސަލައިގައި 640 ކްރޯޑްގެ ބަދަލެއް ހޯދަން ނެސްލޭއިން އައީ މަސައްކަތް ކުރަމުންނެވެ. ނެސްލޭގެ މެގީ ބްރޭންޑްގެ އެކި އުފެއްދުންތަަކަކީ ރާއްޖޭގައިވެސް މަޤުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެއްކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...