އެންޓި ޑިފެކްޝަން ޤާނޫނު އުވާލި ބަޔަކު ދެން އަނބުރާ އެފަދަ ބިލެއް ފާސްކޮށްފާނެބާ؟

އަންނަ އަހަރު އިންތިހާބު ކުރެވޭ މަޖިލީހުގައި، އެކި ޕާޓީތަކަށް މެމްބަރުން ބަދަލުވާ، ބަދަލުވުމަށް ހުއްޓުމެއް ގެންނަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ގއ. ވިލިގިނލި ދާއިރާއަށް ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ކެމްޕޭން ލޯންޗްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށެވެ. އަދި ދެން އަންނަ 19 ވަނަ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހައްދަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ނަގާ ވޯޓްތަކަކީ ވަކިވަކި މެމްބަރުންނަށް އަމިއްލަ ފައިދާ ލިބޭގޮތަށް ނަގާ ވޯޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަންވެސް އަންނަ ރައްޔިތުންގެ މަޖިލީހުގައި ބަދަލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ ޕާޓި ނޫން އެހެން ޕާޓީތަަކަށް މެމްބަރުން ބަދަލުވާ ބަދަލުވުން ހުއްޓުމަަކަށް ގެންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެމޭރުމުން ވާހަަކަފުޅު ދައްކަވާފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ، މެމްބަރުން ޕާޓީ ބަދަލު ކުރަމުން އައި އައުމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސަރުކާރުގައި މަޖިލީހުން ޤާނޫނެއް ފާސްކޮށް އެކަމަށް ހައްލެއް ގެނައިކަމެވެ. އަދި އެފަދަ ޤާނޫނެއް އޮތުމަކީ މެމްބަރުންނަށް ކޮރަޕްޝަނާ ދިމާލަށް ދަތުުރުކުރުމުގައި ހުރަސް އަޅާ ފަދަ ވަޞީލަތަކެއް ވެގެން ދިޔައެވެ. އެހެނީ އެ ޤާނޫނުގައި ބުނެފައިވާ ގޮތުން، މަޖިލީހަށް އިންތިޚާބު ވެވަޑައިގަތުމަށްފަހު އެއްވެސް މެމްބަރަކު ޕާޓީ ބަދަލު ކުރައްވައިފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

އެފަދަ މުހިންމު ޤާނޫނެއް އެކުލަވާލާ އެއަށް އަމަލު ކުރައްވަމުން ގެންދަވަނިކޮށް އެ ޤާނޫނު އުވާލީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު މަޤާމަށް އިންތިޚާބު ވެވަޑައިގެންނެވުމާއެކު އެ ޤާނޫނު އުވާލަން މަޖިލީހުން ފާސްކުރިއެވެ. އެއާ އެކު މަޖިލީހުގެ ތެރެއިން މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި އޮތްއޮތުމަށް ނިމުމެއް އައެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ ހޯދަން އަނެއްކާވެސް ދޮރުތައް ހުޅުވިގެންދިޔައެވެ. މަޖިލިސް މެންބަރުންނަށް ނާޖާއިޒު ފައިދާތަކެއް ނަގަން އިތުރު ފުރުސަތަކެއް ލިބިގެން ދިޔައެވެ.

އެހެންކަމުން ރައީސް ނަޝީދުގެ އެވާހަކަތަކާ އެއްބަސް ވެވެން ނެތް ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެގޮތުން ގިނަ ރައްޔިތުން ބުނަމުން އަންނަނީ އެފަދަ މުހިއްމު ޤާނޫނެއް ފާސްކޮށް އަމަލު ކުރަމުން ގެންދަނިކޮށް އެކަމަށް ނިމުމެއް ގެނައި ބޭފުޅުންތަކެއް އަލުން އެފަދަ ޤާނޫނެއް ފާސްކޮށްފާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ފަދަ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން ލޮލުގައި އަދުން އެޅުވި ފަދައިން މަޖިލީސް އިންތިޚާބަށް ވެސް އެ އުކުޅު ބޭނުން ކުރުމަށް ކަމަށް ވެސް އެ ރައްޔިތުން ގެންދަނީ ބުނަމުންނެވެ.

ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށާ ދިވެހި ރައްޔިތުން ތިބީ ނުހަނު ހުށިޔާރުކަމާ އެކު މަޖިލީސް އިންތިޚާބަށް ލޯ ހުޅުވައިގެން ކަމަށް އެ ރައްޔިތުން ގެންދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...