މިތުރުން ހަތުރުންނަށްވެ ނިމިއްޖެ

ހޯމް މިނިސްޓަރު އިމްރާން އަދި ކުރީގެ ނައިބު ރައީސް އަދީބު. ފޮޓޯ:އާކައިވް އެމްވީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވެރިކަމަށް ގެނައުމަށްޓަަކައި ވަރަށް ގިނަބަޔަކު އެކުގައި އަތުކުރި އޮޅާލައިގެން ކުރި މަސައްކަތުން އެކަން ކާމިޔާބުކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލިއެވެ. އެ މީހުންގެ ތެރޭގައި އެކަމަށްޓަަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ތިއްބެވެ. މާލީ ގޮތުންނާ އަމަލީ ގޮތުންވެސް މެއެވެ. ނަމަވެސް މިއަދު ކޯލިޝަނަށް ވެރިކަން ލިބުމުން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. އަދީބު އާއި އާއިލާވެސް ސަރުކާރާ ދެކޮޅުވެރިވާން ފެށި މަންޒަރެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ މިހާރު މި ސަރުކާރާ ވަރަށް ބޮޑަށް ދެކޮޅުވެރިކަން ފާޅުކުރަން ފަށާފައެވެ. ނަޝްވާ މި ސަރުކާރާ ދެކޮޅަށް ތެދުވެ އަޑު އުފަލަން ފަށާފައިވަނީ އޭނާގެ ފިރިމީހާ އަދީބު ގޭބަންދުގައި ހުއްޓާ މުއްދަތު ހަމަ ނުވަނީސް ޖަލަށް ބަދަލު ކުރުމާ ގުޅިގެންނެވެ. އެގޮތުން ނަޝްވާ ވަނި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށާއި އަދި މިސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެގޮތުން ނަޝްވާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަދީބުގެ ގޭ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށްކަމަށެވެ. އަދީބުގެ ގޭބަންދުގެ މުއްދަތާއި ގުޅިގެން އެކި ފަރާތްތަތަކުން ތަފާތު ގޮތްތަކަށް ވާހަކަދައްކަމުން ގެންދިއުމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ވަނީ ޓްވީޓެއް ކުރައްވާފައެވެ. އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދީބު ގޭގައި ބަހައްޓައިގެން ބޭސް ފަރުވާ ކުރިއަށްގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ 2018ވަނަ އަހަރުގެ އޮކްޓޮބަރު މަހުގެ 24ވަނަ ދުވަހު ކަމަށެވެ.

އަދި ޑިސެމްބަރު މަހުގެ 24ވަނަ ދުވަހުގެ ފަހުން އެގޮތައް ލަފާ ދެއްވާފައި ނުވާކަމަށާއި ހަމަޖެހިފައިވާ އުސޫލުން ދައުލަތުން އޭނާގެ ފަރުވާގެ ކަންކަން ބަލަހައްޓާނެކަމަށެވެ. އިމްރާން އެ ޓްވީޓު ކުރައްވާފައިވާއިރު ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައިވެސް މިނިސްޓަރ އިމްރާން ވަނީ އަދީބުގެ ހުކުމް ތަންފީޒުކުރާނެކަމަށް ވިދާޅުވެފައެވެ.

އަދީބު އަނބުރާ ޖަލަށް ގެންދިއުމާ ގުޅިގެން ސިޔާސީ މަޞްރަހު ހަލަބޮލިވެގެން ދިޔައެވެ. އެގޮތުން އަދީބު ނިސްބަތްވާ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓިކްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ "އަދީބުގެ ސިއްޙީ މައްސަލަތައް ސިޔާސީ ނުކޮށް، އެމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލައި، މިހިނދުން މިހިނދަށް އަދީބުގެ ޑޮކްޓަރުގެ ލަފަޔާއި އެއްގޮތަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް" ހަމަޖައްސާ ދޭން ޖެހޭ ކަމަށެވެ.

އަދީބުއަށް ތާއީދުކުރާ ބައެއް މީހުންވެސް ވަނި މީސްމީީޑިޔާގައި އެކަމާ ގުޅިގެން ތަފާތު ގޮތްގޮތަށް ޝުޢޫރު ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނަމުން ގެންދަނީ އަދީބު އަނބުރާ ޖަލަށް ގެންދިއުމަކީ އިންސާނީ ކަރާމާތަށް ކުރެވުނު މަލާމާތެއް ކަމަށެވެ. އަދި އަދީބުގެ އަންހެނުން ނަޝްވާ ބުނެފައިވަނީ އަދީބު އަނބުރާ ޖަލަށް ގެންދިއުމަކީ، މިސަރުކާރުން ކުރި ވަރަށް ލާއިންސާނި ޒާތި އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި ނަޝްވާ ވަނީ ހޯމް މިނިސްޓަރު އިމްރާނު ކުރެއްވި ޓްވީޓެއްގެ މައްސަލަ ބަލައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އަށް ވެސް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން ނަޝްވާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަދީބު ގޭ ބަންދަށް ބަދަލު ކުރެވުނު މުއްދަތު ހަމަވުމުގެ ކުރިން ކުއްލި ގޮތަކަށް ޖަލަށް ގެންދިޔަ މައްސަލައާއި، އަދީބު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ތާރީހުގެ ކުރިން ދީފައިވާ ލިއުމެއްގެ މައްޗަށް ބިނާކޮށް ހޯމް މިނިސްޓަރު އިމްރާން ކުރި ޓުވީޓްގެ މައްސަލަ ބަލައިދޭން އެޗްއާރުސީއެމްގައި އެދިފައިވާނެ ކަމަށެވެ.

ކޮންމެ އަކަސް އަދީބު އަނބުރާ ޖަލަށް ގެންދިއުމުން ސަރުކާރުގެ ތެރޭގައިވެސް ދެބަސްވުންތަކެއް އުފެދި ޚިޔާލު ތަފާތުވެފައިވާ ކަމަށް ޗެެނެލް 13 އަށް ވަނީ ކަށަވަރުވެފައެވެ. އަދި އެކަމުގެ ސަބަބުން އަދީބުއަށް ތާއީދު ކުރި މީހުންގެ އިތުބާރު މި ސަރުކާރަށް ގެއްލިފައިވާ ކަމަށްވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި މިސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ކަނބަލަކަށް އަދީބުގެ އަނބިމީހާ ނަޝްވާ ވެގެންދާއިރު، އަދީބު އާއި ނަޝްވާވެސް މިވަނީ މިއަދު ސަރުކާރާ ދެކޮޅުވެރިވެފައެވެ. އެގޮތުން މިތުރުންގެ ގޮތުގައި ތިބި މީހުން މިއަދު ހަތުރުންނަށް ބަދަލުވަމުންދާ މަންޒަރު ވަރަށް ކައިރިން ވަރަށް ރީއްޗަށް މިދަނީ ފެންނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...