އަމާ ބުނީތީ ފަރަށްދާ އުސޫލުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ދަށްކޮށްފި

ވެރިކަމަށް ވަޑައިގަތުމަށް ބޮޑެތި ވަޢުދުތަކެއްވެ އެ ވަޢުދުތައް ފުއްދަން ޖެހުމުން މި ސަރުކާރުން ބަހަނާތައް ދައްކާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ޤައުމު ހިންގުމުގެ ޤާބިލުކަން ނެތްއިރު ރައްޔިތުންނަށް ފޮނި ހުވަފެންތައް ދައްކުވައި އަމިއްލަ މަންފާއަށް މަސައްކަތްކުރާ މި ސަރުކާރުން މިވަނީ އަނެއްކާވެސް އިތުރު ވަޢުދެއް ފުއްދެވުމުގައި ނުކުޅެދިފައެވެ.

ފާއިތުވި އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު ދުވަސްވަރު ކޯލިޝަނުން ބުނަމުން ގެންދެވީ އެތެރޭގެ އުދުހުންތަކުގެ އަގު އަތް ނުފޯރާފަށަށް ބޮޑުވެފައިވާ ވާހަކަތަކެވެ. އެހެންކަމުން އެ އަގުތައް ބޮޑުތަނުން ކުޑަ ކުރާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމާއެކު ރައްޔިތުން އައީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަ ވާނެ ދުވަހެއްގެ އިންތިޒާރު ކުރަމުންނެވެ. އަދި ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ބޮޑު ޗުއްޓިއާއި ދިމާވުމުން އަގުތައް ހެޔޮ ކުރުން އަވަސް ކޮށްދިނުމަށްވެސް ރައްޔިތުން ދިޔައީ އެދެމުންނެވެ.

އެހެންނަމަވެސް ޗުއްޓީ ނިމެން ގާތްވިއިރުވެސް އެ އަގުތައް ހެޔޮ ނުވާތީ ރައްޔިތުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުން ކަންބޮޑުވުން ފާޅު ކުރުމާއެކު ރައީސް ސޯލިހު ވަނީ އަގުތައް ހެޔޮ ކޮށްފައި ކަމަށްބުނެ އައިލޭންޑް އޭވިއޭޝަން މެދުވެރިކޮށް އަގުތަކެއް ނެރެފައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ދެއްކި ފޮނި ހުވަފެންތަކާއި އެ އަގުތަކާއި ދިމާ ނުވުމުން ރައްޔިތުންގެ ކަންބޮޑުވުން މިވަނީ އިތުރުވެފައެވެ. ބޮޑުތަނުން ކުޑަ ކުރާނެ ކަމަށް ބުނެ ވަޢުދުވެވަޑައިގެން އަގުތައް އިއުލާނު ކުރިއިރު އަގު ހެޔޮ ކޮށްފައިވަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކުޑަ ތަންކޮޅެކެވެ.

އަގުތައް އިއުލާނުކުރުން ލަސްވަމުން ދިއުމާއި ގުޅިގެން މި ސަރުކާރުން ބުނަމުން ގެންދިޔައި އަގުތައް ހާމަކުރުމުން ރައްޔިތުން އުފާވާނެ ކަމަށެވެ. ނަމަވެސް އަގުތައް އިއުލާނު ކުރުމުން ފެނިގެން ދިޔައީ ރައްޔިތުން އުފާ ފާޅު ކުރުމުގެ ބަދަލުގައި ކަންބޮޑުވުން ފާޅު ކުރާ މަންޒަރެވެ. އެގޮތުން ބައެއް ރަށްތަކަށް ކުރިން ދެވޭ ވަރަށްވުރެ އަގު ބޮޑު ކޮށްފައިވާ ކަމަށާއި ރައްޔިތުންނަށް ވީ ވަޢުދު ފުއްދަވައިދިނުމުގައި ރައީސް ސޯލިހު ނުކުޅެދިފައިވާކަމަށް އެ ފަރާޔްތަކުން ދަނީ ބުނަމުންނެވެ.

އެކިއެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ތަފާތު ހަރަކާތްތައް ކުރިއަށްގެންދާއިރު ހުރިހާ ހަރަކާތަކަށްފަހު ނިންމުން ނިންމަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އައިލޭންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުންތަކުގެ އަގުތައް އިއުލާނު ކުރުމުން ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުންވެސް ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ޓިކެޓްގެ އަގުހެޔޮ ކުރުމުން ރައްދުވަނީ މަލާމާތް ކަމަށެވެ. ތެދުފުޅެކެވެ. ސަރުކާރުން އަގުތައް އިއުލާނު ކުރުމުން ސަރުކާރަށް ތާޢީދު ކުރާ އެކްޓިވިސްޓުންވެސް ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ. އެގޮތުން ބޮޑުތަނުން އަގުހެޔޮ ކުރަން ބުނެ އިއުލާނުކުރި އަގުތަކަކީ ގަބޫލުކުރެވޭ އަގުތަކެއް ނޫން ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓިކެޓް އަގުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިޙާން ހުސައިން މަނިކު ވިދާޅުވީ ކޯލިޝަން ސަރުކާރުން މިހާރު އެވަނީ ރައްޔިތުން ގުނބޯ ހައްދާފައި ކަމަށެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ފެނިގެންދަނީ ދުވަހަކަށްވުރެ ދުވަހެއް ރާއްޖެ ފަހަތަށް ދާ މަންޒަރެވެ.

އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެފަދަ ބޮޑެތި ވަޢުދުފުޅުތައް ފުއްދަވައިދެއްވުމުގެ ބަދަލުގައި ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ މަގުމަތީގައި ހުރި ކަފިހި ހުރަސްތަކުގެ ކުލަ ބަދަލު ކުރުމަށާއި ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކޮށްފައިވާ ބިނާތަކުގެ ނަން ބަދަލުކުރެއްވުމުގެ މަސައްކަތްތަކެވެ. ބަދަލު ހިތްޕެވުމުގެ އާދަ ދޫކޮށްލަވައި ރައީސް ސޯލިހު ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވާނެ ދުވަހެއްގެ އިންތިޒާރު މުޅި ޤައުމުދަނީ ކުރަމުންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...