ދިވެހި ބަހަށްވުރެ ސިޓީ ކައުންސިލުން އިސްކުރަން ބޭނުމީ އިނގިރޭސި ބަސް؟

ރަސްރަނި ބަގީޗާ - ފޮޓޯ: ވަގުތު

ދިވެހި ބަސް ދިރުވާ އާލާ ކުރުމަށްޓަކައި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލު ނުކުރުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އާދޭސް ކުރެއްވުމުންވެސް އެ ބާގީޗާގެ ނަން ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ކުރީގެ ނަމުން ނަމަ ސަލްޓަން ޕާކަކީ ދިވެހި ރާއްޖޭގެ ތާރީހުގެ ސޮފުހާތަކުގައި ވިދާލާފައިވާ ނަމެކެވެ. ބޮޑެތި ގަސްތަކުން ވަށާލާފައިވާ އެ ޕާކުގެ އުމުރު ބައިގަރުނަކާ ހަމަކުރިއިރު ޕާކު ދިޔައީ އެތައް ގޮތަކުން ވީރާނާވަމުންނެވެ. ސަލްޓަން ޕާކު ވީރާނާވީ ޕާކުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަންޖެހޭ ސިޓީ ކައުންސިލުން އެ ފަރާތްތަކުގެ ޒިންމާ އަދާ ނުކުރުމުގެ ސަބަބުން ކަމީ އެންމެންނަށް ވެސް އެނގޭ ޙަގީގަތެކެވެ. ބާރުތައް ނުލިބޭ ކަމަށް ބުނެ އުޒުރުތައް ދައްކައިގެން އަމިއްލަ މަސްއޫލިއްޔަތުން ރެކި ގަތުމަކީ މާލެ ސިޓީ ކައުންސިލުން މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވި ގޮތެވެ.

ސަލްޓަންޕާކު ވީރާނާވުމުގެ ސަބަބުން އެ ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އަދަދު މަދުވާން ފެށިއެވެ. ނަމަވެސް އަލުން އެ ޕާކު ތަރައްޤިކޮށް ރައްޔިތުންގެ މެދުގައި އެ ޕާކަކީ މަޤްބޫލު ޕާކަކަށް ރައީސް ޔާމީން މިވަނީ ހައްދަވައިދެއްވާފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ސަލްޓަން ޕާކު ތަރައްޤިކޮށް ރަސްރަނި ބަގީޗާގެ ނަމަށް ބަދަލު ކުރައްވައި ރައީސް ޔާމީން ވަނީ އެ ބާގީޗާ ހުޅުއްވައިދެއްވާފައެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި މާލެއަކީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ހެއްދެވުމަށް ނުހަނު ގިނަގުނަ މަސައްކަތްތައް ކުރައްވާފައިވައިރު ރަސްރަނި ބަގީޗާއަކީވެސް އެ މަޝްރޫއުތަކުގެ ތެރެއިން ކުރިއަށްގެންދެވި މަޝްރޫޢެކެވެ. ބަގީޗާ ހުޅުވި ދުވަސްވަރު ބަގީޗާގެ ނަން ބަދަލު ކުރުމުން ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނު ނަމަވެސް އެ ނަމަށް ބަދަލު ކުރެއްވީ ކީއްވެގެންކަން އެނގުމުން ރައްޔިތުންވެސް އެ ނަން ބަލައިގަތީ ނުހަނު އުފަލާއެކުގައެވެ.

ސަލްޓަން ޕާކު ނުވަތަ މިހާރުގެ ނަމުން ނަމަ ރަސްރަނި ބަގީޗާ ހުރި ތަނަކީ ކުރީގެ ރަނިންނާއި ރަސްކަލުން ދިރިއުޅުއްވި ގަނޑުވަރު ހުންނަ ސަރަހައްދެވެ. އެހެންކަމުން އެ ފަރާތްތަކުގެ ނަމުން ނަން ދެއްވަން ރައީސް ޔާމީން ނިންމެވިއެވެ. 'ރަސްރަނި ބަގީޗާ' މި ނަމަކީ ދިވެހި ބަހުން އައިސްފައިވާ ބަހަކަށްވާއިރު ސަލްޓަން ޕާކަކީ އިނގިރޭސި ބަހުން އައިސްފައިވާ ބަހެކެވެ.

އެ ނަމުން އޭރު އެ ޕާކަށް ނަން ދެވުނީ އިބްރާހިމް ނާސިރު އިނގިރޭސި ބަސް ކުރިއެރުުމަށް މަސައްކަތް ކުރެއްވުމުގެ ތެރެއިން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް މިއަދު ދިވެހި ދަރިންނަށް ދިވެހި ބަސް އުނގަންނައިދީ އެ ބަސް ދިރުވައި އާލާ ކުރުމަކީ މުހިންމު ކަމެކެވެ. އެ މަޤްސަދުގައި ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ނުކުރެއްވުމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވެސް މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ދިވެހި ބަހާއި ތާރީހަށް ޚިދުމަތްކުރާ އެފަދަ ބޭފުޅެއްގެ ބަސްވެސް މިއަދު މާލެ ސިޓީ ކައުންސިލުން އަޑު އަހަން ބޭނުމެއް ނުވެއެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދެއްވުމުން ރައީސް ޔާމީނަށް ޖެއްސުން ކުރުމުގެ ގޮތުން ކައުންސިލްތަކުން ދަނީ އެތައް ކަންތައްތަކެއް ކުރައްވަމުންނެވެ. ނަމަވެސް ހަގީގަތަކީ މިއަދު ރަސްރަނި ބަގީޗާ ތަރައްޤީވެ ދިވެހިންގެ މެދުގައި މަޤްބޫލުވެފައިވަނީ ރައީސް ޔާމީން ކުރެއްވިި ބުރަ މަސައްކަތްޕުޅުންކަމެވެ.

ދިވެހިންގެ އަމިއްލަ ބަހުން ނަން ދީފައިވާ ތަނެއްގެ ނަން އަލުން އިނގިރޭސި ބަހަށް ބަދަލު ކުރަން ސިޓީ ކައުންސިލުން އަވަދިނެތި މަސައްކަތް ކުރަނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. މާލޭގައި ހައްލު ކުރަން ޖެހޭ ބޮޑެތި ކަންކަން ހުރި އިރު މޭޔަރު ޝިފާމެން ރަސްރަނި ބަގީޗާގެ ނަން ބަދަލު ނުކުރެއްވިގެން އުޅުއްވަނީ ކީއްވެގެންބާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...