ބަސް ދަތުރުތަކުގެ އަގު ބޮޑުވުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި

ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދަތުރުކުރަމުންދާ ބަހެއް: ފޮޓޯ މިހާރު

ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ކުރަމުންދާ ބަސް ދަތުރުތަކުގެ އަގު ބޮޑުވުމުން ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ސިނަމާލެ ބްރިޖަކީ ރައީސް ޔާމީންގެ ދައުރުގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ހިންގާފައިވާ އެންމެ ބިޔަ މަޝްރޫއެކެވެ. އެ މަޝްރޫއު ބިލާހަކަށް ވާނެ ކަމަށްބުނެ އޭރުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވަނީ އަޑުފަތުރާފައެވެ. ނަމަވެސް އެކަން ހަޤީޤަތަކަށް ހަދާ، ކަނޑު ހުރަސްކޮށް ފައިމަގުގައި ދިއުމުގެ ޝަރަފް ރައީސް ޔާމީން ދިވެހިންނަށް ފަހި ކޮށްދެއްވިއެވެ. 55 ކިލޯމީޓަރު ހުންނަ އެ ބްރިޖް އެޅުމަށް ޗައިނާ ސަރުކާރުން 20 ބިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.

ޗައިނާ ސަރުކާރުން ބުނީ އެ ބްރިޖަކީ ތޫފާންތަކާއި ބިންހެލުންތަކުގެ ސަބަބުންވެސް ގެއްލުން ނުލިބޭނެ ގޮތަށް ވަރުގަދަކޮށް އަޅާފައިވާ ބްރިޖެއް ކަމަށެވެ. ކޮންމެއަކަސް ބްރިޖްގެ މަސައްކަތް ނިންމާ، އެތަން ބޭނުން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލުން ވެގެންދިޔައީ، އެންމެހާ ރައްޔިތުންގެ ހިތްތަކުގައި ޝުކުރުގެ ސާލެއް އަމުނާލި ކަމަކަށެވެ. ސިނަމާލެ ބްރިޖް ހުޅުވުމާއެކު ކަނޑު މަގުން ފެރީގައި ދަތުރުކުރާ މީހުން މަދުވެ، އެއްގަމު މަގުން ދަތުރު ކުރަންފެށިއެވެ. އެހެންކަމުން އެކަމުގައި ރައްޔިތުންނަށް ފަސޭހަ ކޮށްދެއްވުމުގެ ގޮތުން އޭރުގެ ސަރުކާރުން މާލެ އާއި ހުޅުމާލެ އާއި ދެމެދުގައި ބަސް ދަތުރުތައްކުރަން ފެށިއެވެ.

އެގޮތުން ބުރިޖާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދޭންފެށި ބަހުގެ ޚިދުމަތް ގިނައަދަދެއްގެ މީހުން ބޭނުން ކުރަމުންދެއެވެ. އެ ހިދުމަތް ދިނުމަށް ޖުމްލަ 22 ބަސް ބޭނުންކުރަމުންދާއިރު، އޭގެ ތެރޭގައި ޑަބަލް ޑެކް 8 ބަސް ހިމެނެއެވެ. އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހިލޭ ކުރަމުން ދިޔަ ދަތުރު ތަކުން ޖަނަވަރީ މަހުން ފެށިގެން އަގު ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ ކޮންމެ ރައްޔިތެއްގެ އަތުން 10 ރުފިޔާ ކަމަށެވެ.

ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އަގު ނަގަން ފަށާފައިވާއިރު، އެމްޕީއެލް އިން ބުނެފައި ވަނީ ދެ އަހަރުން ދަށުގެ ކުދިންގެ އިތުރުން ސްކޫލް ޔުނިފޯމުގައި ދަތުރުކުރާ ދަރިވަރުންގެ އަތުން ފީ ނުނަގާނެ ކަމަށެވެ. ނަމަވެސް ދެ އަހަރުން މަތީގެ ކުދިން ކުލަ ހެދުމުގައި ދަތުރުކުރާ ނަމަ ފީ ދައްކަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެޕްޕީއެލްއިން ބުނެފައި ވަނީ ބަހުން ޚިދުމަތް ދިނުމަށް ނިންމާފައިވަނީ އެކަމަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ ޓަކްލިންކް ކާޑްގެ ޒަރިއްޔާއިން ކަމަށެވެ. އަދި 25 ޑިސެންބަރ އިން ފެށިގެން އެ ކާޑް މާލޭ ބަސް ޓާމިނަލްއިންނާއި ހުޅުމާލޭ މެއިން ބަސް ސްޓޮޕްއިން ލިބެން ހުންނާނެ ކަމަށާއި ކާޑެއްގެ އަގަކީ -/20 ކަމަށް އެމްޕީއެލްއިން ހާމަ ކުރެއެވެ.

މިކާޑް ބޭނުން ކުރެއްވުމަށް ކާޑް ޓޮޕްއަޕް ކުރަން ޖެހެއެވެ. އެ ޚިދުމަތްވެސް އެތަނުން ލިބޭނެ ކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވާއިރު، މި ކަމުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ދަތުރުތަކުގައި ކޮޅަކަށް 10 ރުފިޔާ ނަގާތީއެވެ. ސިނަމާލެ ބުރިޖަކީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ހިންގާފައިވާ މަޝްރޫއެއް ކަމުން، ބުރިޖް ހުރަސްކޮށް ކުރާ ބަސް ދަތުރުތަކަށް ދެ ރުފިޔާ ނަންގަވަން ރައީސް ޔާމީން ނިންމަވާ، އޭރު އެގޮތަށް އަގުތައް އިއުލާން ކުރަން އެމްޕީއެލްއަށް އެންގެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތަށް ރައީސް ހުށަހެޅުއްވި ނަމަވެސް އެކަމުގައި އެގޮތަށް އެމްޕީއެލް އިން އަމަލުކޮށްފައި ނުވެއެވެ.

މާލެއިން ހުޅުމާލެއާއި ހުޅުލެއަށް ދަތުރުކުރުމަށް ފެރީއާއި ބަހުގެ ޚިދުމަތް އިޚްތިޔާރު ކުރުމުގެ ފުރުޞަތު މިހާރު އޮންނައިރު، ބަހުގައި ދަތުރުކުރާ މީހުންގެ ނިސްބަތް، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ބަސް ސްޓޮޕްތައް ހެދުމުގެ ކުރިން އެވަރެޖްކޮށް ދުވާލަކު 3000 މީހުން ދަތުރުކުރި ނަމަވެސް، ބަސް ސްޓޮޕްތަކާއިއެކު ދުވާލެއްގެ މައްޗައް 5000 މީހުން ބަހުގެ ޚިދުމަތް ބޭނުންކުރަމުންދާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިހާ ޑިމާންޑް ބޮޑު ކަމެއް، އެހާ ބޮޑު އަގެއްގައި ކޮށްގެން ސަރުކާރުން ހާސިލް ކުރައްވަން ބޭނުންވާ ކަމަކީ ކޮބައި ކަމެއް ރައްޔިތުންނަކަށް ނުވިސްނުނެވެ. ދުވަހެއް ދުވަހަކަށް ސޯޝަލް މީޑިއާގައިވެސް އެކަމާ ގުޅިގެން ފާޑުކިޔުންތައް ދަނީ އިތުރު ވަމުންނެވެ. ނަމަވެސް އާ ސަރުކާރުގެ ނިންމެވުމަކަށް ބަދަލެއް ނާދެއެވެ. ސަރުކާރުން ބަސް ދަތުރުތަކަށް ނަގަން ނިންމެވި ބޮޑު އަގު، ގިނަ ރައްޔިތުން ބަލައި ނުގަތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެ ކަންބޮޑުވުމުގެ އަޑު މިއަދުގެ ސަރުކާރުން އައްސަވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...