ސަރުކާރުގެ އެއް ވައުދުކަމުގައިވާ އެތެރޭގެ އުދުހުންތަކުގެ އަގު އަދިވެސް ކުޑަ ނުކުރެވޭ

މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް އުދުވެވަޑައިގަތް އެއް ކަމަކީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމެވެ. ނަމަވެސް އެއް މަސް ފާއިތުވެގެން ދިޔައިރުވެސް އެ ވައުދު ނުފުއްދި އޮތުމުން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވާން ފެށިއެވެ. އެއާއެކު ސަރުކާރުން ބުނެފައިވަނީ ވައުދުތައް ފުއްދުމުގައި ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުލާ ކަމަށެވެ. ނަމަވެސް ބަންދު ދުވަސްތައް ނުލާވެސް އެއް މަހަށް ވުރެ ގިނަވެގެން ގޮސްފައިވާ އިރު އަދިވެސް ސަރުކާރުގެ އެ ވައުދުވަނީ ނުފުއްދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ގަލޮޅު ދަނޑުގައި ބޭއްވި ހުވާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެތޭރެގެ އުދުހުންތަކުގެ އަގު ދިވެހި ރައްޔިތުންގެ އަތްފޯރާ ފަށަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ދިވެހި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވައުދުފުޅު ވެވަޑައިގެންފައިވާއިރު އޭގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އިންތިޒާރު ކުރާ އެއް ކަމަކީ ވެސް އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަވެގެން ދާނެ ދުވަހަކަށެވެ.

ރައީސް ޞޯލިހުގެ އެ ވައުދުފުޅާއެކު ފުރަތަމަ އެއް މަސް ދުވަހުގެ ތެރޭގައި އެ އަގުތައް ކުޑަކޮށް ރައްޔިތުންގެ ތުންފަތް މައްޗަށް ހިނިތުންވުން ގެނެސްދިނުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ފޫގަޅާލިއެވެ. ރައީސް ޞޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް އެންމެ ފުރިހަމައަށް ފުއްދުމުގައި އެންމެ ހީވާގިކަމާ އެކު އެންމެ ބާރު ސްޕީޑުގައި މަސައްކަތް ކުރާ އެއް ވުޒާރާއަކަށް އެ ވުޒާރާވެފައިވާއިރު، އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުމަށް މިނިސްޓްރީން ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމާ އަގުތައް ފައިނަލް ކުރުމަށް ރައީސް އޮފީހަށް ފޮނުވި ހިސާބުން އަގުތައް ދަށްކުރުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ކުރެއްވި ހިތްވަރުގަދަ އަދި ބުރަ މަސައްކަތަށް މަޑުޖެހުމެއް އައެވެ.

ބަންދު ދުވަސްތައް ނުހިމަނާ ގުނައިގެން ވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު، މި ސަރުކާރަށް 30 ދުވަސް ވަނީ ފުރިހަމަ ވެފައެވެ. ނަމަވެސް ޓިކެޓްގެ އަގު ހެޔޮކުރި މަންޒަރެއް ނުފެނެއެވެ. އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ވިދާޅުވެފައެވެ. އޭގެ ފަހުން ވެސް މިވީ 22 ދުވަހެވެ. ހަފްތާ ބަންދު ދުވަސްތައް ނުހިމަނާނަމަ މިވީ 16 ދުވަހެވެ.

ޓިކެޓް އަގުހެޔޮ ކުރުން ކުޑަކޮށް ލަސްވި ނަމަވެސް އެންމެ ފަހުގެ މަޝްވަރާތައް ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނިމިފައިވާ ކަމަށާއި އެހެންކަމުން އަގަށް ބަދަލުގެނައުން ދެން ލަހެއް ނުވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ އެދުވަހު ވިދާޅުވިއެވެ. އަދި މިހާރު އަގުތައް ކަނޑައަޅާ ރައީސް އޮފީހަށް ފޮނުއްވާފައިވާނެ ކަމަށްވެސް އެކަމަނާ ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އެހާ ގިނަދުވަސް ފާއިތުވެގެން ދާއިރުވެސް އަގުތަކަށް ބަދަލު ނުގެނެވިގެން އުޅޭ ސަބަބެއް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޞޯލިހުގެ ކެބިނެޓްގައި މަޤާމަށް ކުފޫ ހަމަނުވާ ބޭފުޅުން ތިއްބެވިކަމަށް އެމްޑީޕީއަށް ނިސްބަތްވާ އާންމު މެމްބަރުންތަކެއް ބުނަމުން އައިއިރު، އެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވި އެއް މިނިސްޓަރަކީ ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު ނަހުލާއެވެ. ނަމަވެސް މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި އެންމެ ހަލުވިކަމާއެކު މަސައްކަތްކޮށް ގިނަ ވައުދުތަކެއް ފުއްދި މިނިސްޓްރީއަކަށް އެ މިނިސްޓްރީ ވާނެއެވެ. އެހެންކަމުން މިފަަހަރު ފެއިލް ވެފައި މިއޮތީ ނަހުލާއެއް ނޫނެވެ. މިފަަހަރު ފެއިލް ވެފައި މިއޮތީ ރައީސް ޞޯލިހުއެވެ. އެއީ އެތެރޭގެ އުދުހުންތަކުގެ އަގުތަކާ މެދު ގޮތެއް ނިންމުމަށް ރައީސް އޮފީހަށް ފޮނުއްވި ހިސާބުން އެ މަރުހަލާތައް މަޑުޖެހިފައިވުމުންނެވެ.

ކޮންމެ އަކަސް ބަންދު ދުވަސްތައް ނުލާ ގުނައިގެންވެސް، 30ދުވަސް ތެރޭގައި ކުޑަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަން މިއޮތީ އަދި ހަމަ ނުފުއްދިފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...