ޚާއްޞަ ޝަރުޠުތަކަކާއެކު ވިޔަފާރިތައް 24 ގަޑިއިރު ހުޅުވުުމުގެ ހުއްދަ ދީފި

ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިިއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދުގެ އިތުރުން ކެންޓީން ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައިވާ ގޮތުން، އެފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހަޅައި، އެ ގަވާއިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާ އެކު ވަކި ޚާއްސަ ފީއެއް ވެސް ދެއްކުމުންނެވެ. އަދި 24 ގަޑިއިރަށް ހުޅުވާ ތަންތަނުގައި ފަސް ޝަރުތެއް ފުރިހަމަވާން ޖެހޭނެ ކަމަށްވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައިވޭ. އެގޮތުން އެތަނަކީ މިނިސްޓްރީގެ މަޝްވަރާގެ މަތީން ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށް ވާން ޖެހުމާއި ރެސްޓޯރަންޓުގެ ބޭރުން ބަލާއިރު، ސާފުކޮށް އެތެރެ ފެންނާނޭހެން އަލިކުރެވޭގޮތަށް ހުރި ތަންތަންކަމުގައި ވާން ޖެހެއެވެ.

އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނެއްކަމުގައި ވުމާއި މެންދަމުން އަލިވެ އެއްގަޑި ސުން މިނިޓުން ފެށިގެން ފަތިހު ހަތަރުގަޑި ތިރީހާ ހަމައަށް އެތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނަކަށް ވާން ޖެހޭނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެ ޤަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުނެގިޔަސް، ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައާ ޚިލާފްވާ ފުރަތަމަ ފަހަރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަހަށް ހިފަހައްޓާނެކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ޚިލާފްވާނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރާނެކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

ވިޔަފާރިތައް 24 ގަޑިއިރު ހިންގުމަށްޓަކައި ނަގާ ހުއްދައަކީ 2،000 ރުފިޔާގެ ފީއެއްކަމަށާއި 24 ގަޑިއިރު ހިދުމަތް ދޭކަމުގެ ބޯޑެއް އެތަނުގައި ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން 24 ގަޑިއިރަށް ހިންގުމުގެ ހުއްދަ ދޫކުރި ނަމަވެސް އެ ވިޔަފާރިތަކުގައި ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކުގެ ވިޔަފާރި ނުހިމެނޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދުގައި ވަނީ ހާމަކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...