ޝެއިޚް ހަސީނާ ހަތަރުވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ހޮވިއްޖެ

ބަންގްލަދޭޝްގެ އާންމު އިންތިޚާބު މިފަހަރުވެސް ޝެއިޚް ހަސީނާގެ އަވާމީ ލީގު (އޭއެލް) ޕާޓީއިން ކާމިޔާބުކޮށްފިއެެވެ. 

އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ނަތީޖާ މިހާރު ކަށަވަރުކޮށްދީފައިވާއިރު އަދިވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

އަވާމީ ލީގުގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 287 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓިއެއްކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަށް ލިބިފައިވަނީ އެންމެ ހަ ގޮނޑިއެވެ.

އިންތިޚާބުގެ ވޯޓު ގުނުމުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ޤައުމުގެ އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ހެލާލް އުދީން އަހުމަދު ވަނީ އަވާމީ ލީގަށް މަރުޙަބާ ވިދާޅުވެ އެ ޕާޓީއަށް އިންތީޚާބު ކާމިޔާބުވެއްޖެ ކަން އިއުލާނުކޮށްފައެވެ.

އެ ޤައުމުގެ އިދިކޮޅު ކޯލިޝަންގެ ޕާޓީއެއް ކަމަށްވާ ޖަތިޔާ އޮއިކްޔާ ފްރަންޓުންވަނީ އައު އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އިއްޔެ ބޭއްވި އިންތިޚާބަކީ ޖޯކެއް ކަމަށްވެސް އެ ޕާޓިއިން ވަނީ ހާމަކޮށްފައެވެ.

ބަންގްލަދޭޝްގެ އާއްމު އިންތިޚާބު ޝެއިޚް ހަސީނާގެ ޕާޓީއިން ކާމިޔާބުކޮށްފައިވާއިރު މިއީ އެކަމަނާ އެ ޤައުމުގެ ބޮޑު ވަޒީރަކަށް ހޮވުނު ހަތަރު ވަނަ ފަހަރެވެ.

އިއްޔެ ބަންގްލަދޭޝްގައި ބޭއްވި އިންތިޚާބުގައި ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން 17 މީހުން ވަނީ މަރުވެފައެވެ. އަދި އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ޕާޓީތަކުން ވަނީ ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...