ސައުދީގެ ސަރުކާރަށް އައި ބަދަލުތަކާއެކު އެންމެ ފުރަތަމަ ބަދަލު ކުރީ ފޮރިން މިނިސްޓަރ

ޚަޝޯގީގެ މަރަށްފަހު ކިންގް ސަލްމާން ސައުދީގެ ސަރުކާރަށް ގެނައި ބަދަލު ތަކުގެ ތެރެއިން އެ ޤައުމުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި އަދިލް އަލް ޖުބައިރުގެ މަޤާމް ދަށްކުރައްވައިފިއެވެ. 

އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކުރާގޮތުގައި ސަރުކާރުގެ މަޤާމުތަކަށާއި ކެބިނެޓަށް ބަދަލުތައް ގެންނަން ކިންގް ސަލްމާން ކުރެއްވި މަސައްކަތްޕުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ އައްޔަންކުރެއްވީ އައު ފޮރިން މިނިސްޓަރެއްކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޖުބައިރުގެ މަޤާމް ދަށްކުރައްވާ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި ޖުބައިރުގެ ބަދަލުގައި އެ މަޤާމަށް މިހާރު އައްޔަން ކުރައްވާފައިވަނީ އިބްރާހިމް އަލް އަސަފް އެވެ.

ސައުދީގެ ސަރުކާރަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާކަމަށް ސައުދީގެ ރަސްގެފާނު އިއުލާނު ކުރެއްވީ މިދިޔަ ހޯމަދުވަހު އެވެ. އެހެންނަމަވެސް ސަރުކާރަށް އެފަދަ ބޮޑެތި ބަދަލުތަކެއް ގެންނަވަނީ ކޮން ސަބަބުތަކަކާއި ހުރެގެން ކަމެއް އެ ޤައުމުން ހާމަކުރައްވާފައެއް ނުވެއެވެ.

ސައުދީއިން ސަރުކާރަށް ބަދަލުތައް ގެންނަ ސަބަބު ހާމަ ނުކުރެއްވި ނަމަވެސް ނުސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި އެ ބަދަލުތަކާއި ގުޅުމެއްވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެފަދައިން މީޑިއާ ރިޕޯޓްތައް ބުނަމުން ގެންދަނީ ހުޅަނގުގެ އިންޓެލިޖެންސް އޭޖެންސީއިންނާއި ތުރުކީގެ ސަރުކާރުގެ ތަހުގީގުތަކުން ޚަޝޯގީގެ މަރާއި ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާއި ގުޅުމެއްވާކަމުގެ ހެކިތައް ފެނިފައިވާކަމަށް ބުނަމުން ގެންދާތީ އެވެ. އަދި ޚަޝޯގީގެ މަރާއި ވަލީއަހުދާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ އެންމެ ބޮޑަށް އަޑު އުފުލައްވަމުން ގެންދެވީ ޖުބައިރުކަންވެސް ފާހަގަކޮށްލެވެއެވެ.

ސައުދީގެ ސަރުކާރަށް ގެނައި ފަހުގެ ބަދަލުތަކުގެ ތެރޭގައި ޗީފް އޮފް ނޭޝަނަލް ގަރޑްގެ މަޤާމުން ޕްރިންސް މިތެބް ބިން އަބްދުﷲ ދުރުކުރައްވައި އެ މަޤާމަށް ޕްރިންސް އަބްދުﷲ ބިބް ބަންޑަރް ބިން އަބްދުލްއަޒީޒު ހަމަޖެއްސެވުމާއި ޖެނެރަލް ސެކިއުރިޓިގެ ޗީފް ބަދަލު ކުރެއްވުމާއި ނޭޝަނަލް ސެކިއުރިޓީގެ އެންޑްވައިޒަރު ބަދަލުކުރެއްވުން ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...