ޚަޝޯގީގެ މަރު ތަހުގީގު ކުުރުމަށް އ.ދ.އާއި ހަވާލުކުރަނީ

ތުރުކީގެ ފޮރިން މިނިސްޓަރ

ޚަޝޯގީގެ މަރު ތަހުގީގު ކުރުމަށް އ.ދ އާއި ހަވާލުކުރުމުގެ މަސައްކަތް ތުރުކީން ފަށައިފިއެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުތު ކަވްސޮގްލޫ ވިދާޅުވީ ތުރުކީއާއި، އ.ދގައި ހިމެނޭ އެހެން ގައުމުތަކާއި ގުޅިގެން ޚަޝޯގީގެ މަރު ތަހުގީގު ކުރުމަށް އ.ދ އާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޓިއުނީޝިއާގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި މެވްލުތު ވަނީ ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ އަރަބިއާއިން ކުރިއަށް ގެންދިޔަ ތަހުގީގަށް ފާހަގަވި ކަންތައްތައް އެގައުމުން ދުނިޔޭގެ އެހެންގައުމުތަކަށް ހާމަކުރެއްވުމަށް ގޮވާލައްވާފައެވެ. ކަޝޯގީގެ މަރާއި ގުޅިގެން ނޮވެމްބަރު މަސްތެރޭ އ.ދ.ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއާއި މެވްލުތު ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ މަޝްވަރާއާއި ގުޅިގެން އޭރު އ.ދ.ގެ ތަރުޖަމާން ވިދާޅުވެފައިވަނީ ޚަޝޯގީ މަރު ތަހުގީގު ކުރުމަށް ރަސްމީ ސިފައެއްގައި އ.ދ އަށް ހުށަހަޅާފައިނުވާކަމަށް. ޚަޝޯގީ މަރާލާފައިވަނީ މީގެ ތިންމަސްކުރިން، އިންތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައެވެ.

ފާއިތުވި އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އޭނާ ސައުދީ ކޮންސިއުލޭޓަށް ވަދެފައިވަނީ އެނާގެ ކައިވެންޏާއި ގުޅޭ ލިޔެކިއުންތަކެއް ހޯދުމަށެވެ. ކޮންސިއުލޭޓަށް ވަދެ މާގިނަ އިރުތަކެއް ނުވަނީސް މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ވަނީ ވަކިކޮށްފައެވެ.

އަދި މިއަދާ ހަމަޔަށްވެސް އޭނާގެ ހަށިގަނޑު ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ޚަޝޯގީގެ މަރާއި ގުޅިގެން ތުރުކީން ބުނެފައިވަނީ ޚަޝޯގީ މާރާލާފައިވަނީ ސައުދީ ސަރުކާރުން ދުރާލާ ރާވައިގެން ކަމަށް އެމަރާއި ގުޅިގެން ސައުދީ ސަރުކާރުން ވަނީ އެކިގޮތް ގޮތަށް ވާހަކަދައްކަވާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ ޚަޝޯގީ ވަނީ ލިއުންތައް ހިފައިގެން ކޮންސިއުލޭޓުން ނިކުމެފައިކަމަށެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުން ސައުދީއަށް ޕްރެޝަރު ކުރުމާއި ގުޅިގެން އެގައުމުން އެންމެ ފަހުން ބުނެފައިވަނީ ޚަޝޯގީ މަރާލީ ގަސްތުގައި ނޫންކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...