އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މިހާތަނަށް 281 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް އެރި ސުނަމީގައި މަރުވި މީހުންގެ އަދަދު 281އަށް އަރައިފިއެވެ.

އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވުމުގެ ސަބަބުން އެ ޤައުމުގެ ސުންދާ ސްޓްރެއިޓް އައްސޭރިއަށް އެރި ސުނާމީގައި 281 މީހުން މަރުވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާނު ސުޓޮޕޯ ޕުރްވޯ ނުގްރޮހޯ ވަނީ ބުނެފައެވެ. އޭނާ ބުނީ މިހާތަނަށް އެ އޭޖެންސީއަށް 57 މީހުން ގެއްލިފައިވާކަމުގެ ރިޕޯޓް ކޮށްފައިވާކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު އެރި އެ ސުނާމީގައި ސުންދާ ސްޓްރެއިޓް އައްސޭރީގެ އެތައް ގެއަކަށް ގެއްލުން ލިބިފައިވާއިރު އެ ސުނާމީ އުފެދުނީ ކައިރި ރަށެއްގައި ހުރި ކްރަކަޓައު ފަރުބަދަ ގޮވުމުންކަމަށް ބެލެވޭކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީއިން ވަނީ ބުނެފައެވެ. އެ އޭޖެންސީއިން ހާމަކުރާގޮތުގައި ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ޖާވާގެ ބަންތެން ޕްރޮވިންސަށެވެ.

ސުނާމީއާއި ގުޅިގެން އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ސުންދާ ސްތްރެއިޓް އައްސޭރިގައި ދިރިއުޅޭ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގޮނޑުދޮށަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ޑިސެމްބަރު 25 އާއި ހަމައަށް އެ ހިސާބުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދާއި ލިބުނު ގެއްލުމުގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާނު ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...