އިންޑޮނޭޝިއާއަށް އެރި ސުނާމީގައި 222 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 222ހަށް އަރައިފިއެވެ

އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވުމުގެ ސަބަބުން އެ ޤައުމުގެ ސުންދާ ސްޓްރެއިޓް އައްސޭރިއަށް އެރި ސުނާމީގައި 222 މީހުން މަރުވެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އެ ކާރިސާގެ ސަބަބުން 843 މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިގައިވާކަމަށާއި އަދި 28 މީހަކު ގެއްލިފައިވާކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ. އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓަރ އޭޖެންސީން ބުނެފައިވަނީ ސުނާމީގެ އަސަރު ކުރި ހިސާބުތަކުން އަދިވެސް މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައި ނުވާކަމަށެވެ.

އަދި އެ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ސުނާމީގެ އަސަރުކުރި މީހުން ހޮސްޕިޓަލްތަކަށް ގެންދެވިފައިވާއިރު އެމީހުންގެ ސީދާ އަދަދު އަދި ލިބިފައި ނުވުމާއި އެކު މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އިތުރުން ގެއްލިފައިވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އޭޖެންސީން ބުނެފައިވެެއެވެ.

ސުނާމީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޖާވާގެ ބަންތެން ޕްރޮވިންސަށްކަމަށާއި އެ ސަރަހައްދުގައި އުޖުންގް ކުލޮން ނޭޝަނަލް ޕާކާއި މަޝްހޫރު ގޮނޑުތައް ހިމެނޭ ކަމަށް ޑިޒާސްޓަރ އޭޖެންސީ ބުނެފައިވެއެވެ. ސުނާމީއާއި ގުޅިގެން އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ސުންދާ ސްތްރެއިޓް އައްސޭރިގައި ދިރިއުޅޭ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގޮނޑުދޮށަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައި. އަދި ޑިސެމްބަރު 25 އާއި ހަމައަށް އެ ހިސާބުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...