ވައުދު ފުއްދުމަށް ކަމަށްބުނެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ނަޝީދު ފޫގަޅުއްވައިފި

2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި 86 ދާއިރާއަކަށް ކުރިމަތިލާނެ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ އެމްޑިޕީން މީގެ ކުރިން އިއުލާން ކޮށްފައިވަނިކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވިދާޅުވެއްޖެއެވެ.

ހއ އިހަވަންދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކަކީ ފުއްދުން ލާޒިމް ވައުދުތަކެއް ކަމަށާއި އެވައުދުތައް ފުއްދުމަށް އެމްޑީޕީއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށް ގިނަ ރައްޔިތުންވެސް ބުނަމުން ދާ ކަަމަށާ އަދި ރައްޔިތުންގެ އެއަޑު އިވިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބި ރައީސް ޞާލިޙްގެ ވައުދުތައް ފުއްދުމަކީ ވާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށް މަގުފަހި ކުރުމަށްޓަކައި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް މުޅި ރާއްޖެ އަށް ގޮވާލާ ކަމަށް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނިކޮށް، އެމަނިކުފާނު އަޑީގައި ހުންނަވައިގެން މަޖިލީހުގެ ރައީސާ ދެކޮޅަށް މުޒާހަރާ ކުރެއްވިކަމަށް ސިޔާސީ ބޭފުޅުންނާ އަދި ދިވެހި ރައްޔިތުންވެސް އަންނަނީ ބުނަމުންނެވެ. އެގޮތުން ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންނާ ރައީސް ޞޯލިހު އެންމެ ފަހުން ބޭއްވި މަޝްވަރާތައް ކުރިއަށްދިޔައިރު ހޮޓެލްޖެންގެ ބޭރުގައި ބަޔަކު ހިމޭން މުޒާހަރާއެއް ކުރަމުންދިޔަ ކަން ފާހަގަކޮށްލެވެއެވެ. ޕޯސްޓަރުތަކެއް ހިފައިގެން ތިބެ މުޒާހަރާކުރަމުން ދިޔަ މީހުންގެ އެ ޕޯސްޓަރުތަކުގައި ލިޔެފައިހުރީ މަޖިލިސް މަހުޖަނުގެ ނުފޫޒުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބާރާހިމަށް ނިސްބަތްވާ ގޮތަށް ކުރި މުޒާހަރާއެއް ކަމަށް ސިފަކުރެވޭ އެ މުޒާހަރާ އާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، އެ މުޒާމުޒާހަރާ އެގޮތަށް ކުރުމަކީ ސަރުކާރު ހިންގާ ކޯލިޝަން ބައިބައިވުމުގެ ނިޝާނެއް ކަމަށެވެ. ކޯލިޝަން ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވުމުގާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމްވަނީ ރައްދު ދެއްވާފައެވެ.

އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށް ވުރެ، ބޮޑު ވައުދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައި ނުވާ ކަމަށް. އަދި ރައީސް ހޮވިވަޑައިގަތީ، އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ނޫން ކަމަށެވެ.

ކޯލިޝަންގެ ތެރެއިން، މަޖިލިސް އިންތިޚާބަށް ވާދަކުރުމާ ގުޅޭގޮތުން އެ ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރެއްވިރު، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރި 86 ދާއިރާއަށް ވާދަކުރުމަށް ނިންމައިފަ. އަދި ކޯލިޝަންގެ އަނެއް ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވީ ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރަން ކެރޭނެ ކަމަށެވެ. ކޯލިޝަންގައި ދެން ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް އަދި އިއުލާން ކޮށްފައި ނުވިނަމަވެސް އަދާލަތު ޕާޓީން ވަނީ އިންތިޚާބުގައި 13 ދާއިރާ އަކަށް ވާދަކުރަން ނިންމައި، އެ ދާއިރާތައް އިއުލާންކޮށްފައެވެ.

މަޖިލީސް އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާއިރު އެމްޑީޕީ ކޮންޓްރޯލު ކުރަމުންދާ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އާބާދީ ބޮޑެތި އަތޮޅުތަކަށް ވަޑައިގެން އެމްޑީޕީ މީހުން މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ހޯދައިގެން ނޫނީ ރައްކާތެރިކަމާ ސަލާމަތެއް ނެތް ކަމަށް ވިދާޅުވެ އެ ރަށްތަކުގެ ރައްޔިތުން ކިބައިން އާދޭސް ދަންނަވަމުންނެވެ. ރައީސް ނަޝީދު އެ އާދޭސްތައް ރައްޔިތުންނަށް ދަންނަވަމުން ގެންދަވާއިރު ކޯލިޝަނުން އުފެދުނު ސަރުކާރާ ދޭތެރޭ ނުވިސްނަނީ ކީއްވެގެންތޯ؟ މިއީ އެތަކެއް ރައްޔިތުންނެއްގެ ހިތުގައި އުފެދިވައިފާ އެހެނަސް ޖަވާބެއް ނުލިބުނު ސުވާލެކެވެ.

ރައީސް ސޯލިހަށް ވުރެ ގަދަ ބަސް ބުނުއްވަމުން ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ރައީސް ސާލިހުގެ ސަރުކާރުގެ ވައުދުތައް ފުއްދައިދެވޭނީ ރައްޔިތުންނަށްކަމަށް ދޭހަވާފަދަ މޭރުމަކުން ނަޝީދު އަންނަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުން ގުނބޯ ހެއްދެވުމަށްފަހު އަނެއްކާވެސް މަޖިލީސް އިންތިހާބަށްވެސް ރައްޔިތުން ގުނބޯ ހެއްދެވުމަށް އެމްޑީޕީ އިން މިވަނީ ދެ ގިޔަރު ކުރިއަށް ޖައްސާލާފައެވެ. ސަރުކާރު ހިއްސާވާ ބާކީ ތިބި 3 ޕާޓީގެ ލީޑަރުން އަދި އެ ތިން ޕާޓީއަށް ތާއީދުކުރައްވާ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށްޓަކައި އެމްޑީޕީ އިން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތާ ދޭތެރޭ 3 ލީޑަރުން އަދި ރައްޔިތުން ރުހިގެން ތިބި މަންޒަރެއް ފެންނާކަށް ނެތެވެ.

ބަދަލުގައި ސަރުކާރަށާއި އެމްޑީޕީއަށް ބޮޑެތި ފާޑު ކިޔުންތަކެއް ކިޔާ މަންޒަރު ފެންނަކަމީ އެމްޑީޕީ އަށް ތާއީދު ކުރާ މީހުން ގަބޫލު ކުރަން ބޭނުން ނުވިޔަސް ހަގީގަތެކެވެ. ވޯޓު ގާތް ވަމުންދާ ވަރަކަށް ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންގެ ނާޖާއިޒު ފާއިދާ އެމްޑީޕީ މީހުން ނަގާކަމީ ރައްޔިތުން ދަންނަ ހަގީގަތެކެވެ. އަނެއްކާވެސް ފެނިގެން ދަނީ ތާރީޚު އިއާދަވަމުން އަންނަ މަންޒަރުތަކެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...