ބަޖެޓް ފާސްނުވުމުން އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެ

ފަސް ބިލިއަން ޑޮލަރު ހޯދުމަށް ސެނެޓުން ފާސްނުވުމުން އެމެރިކާގެ ސަރުކާރުގެ ބައެއް އިދާރާތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

އެމެރިކާގެ ސަރުކާރުގެ ބޮޑުބައެއް ހުއްޓުމަކަށް އައިސްފައިވަނީ ރޭ ފަތިހު އެ ޤައުމުގެ ގަޑިން 5:00ގައި ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ހަދާފައިވާ އިމިގްރޭޝަން ސިޔާސަތުގެ ދަށުން މެކްސިކޯއާއި އެމެރިކާއާއ ދެމެދު ބޮޑު ފާރެއް ރޭނުމަށް 5 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ސެނެޓަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ސެނެޓުގެ ގިނަ މެމްބަރުން އެ ބަޖެޓަށް ނޫނެކޭ ބުމުން ބަޖެޓު ފާސްވާގޮތް ވަނީ ނުވެފައެވެ.

އެކަމާއި ގުޅިގެން ސަރުކާރުގެ ބައެއް އިދާރާތަކުގެ މަސައްކަތް ހުއްޓިފައިވާއިރު، ފާއިތުވި ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އެއްވެސް ހާލަތެއްގައި ސަރުކާރުގެ އެއްވެސް އިދާރާއެއްގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެނަމަ ގިނަ ދުވަސްތަކަކަށް އެކަން ދިގު ދެމިގެންދާނެކަމަށެވެ.

އެމެރިކާގެ ސަރުކާރުން ސެނެޓަށް ހުށަހެޅި ބިލު ފާސްނުވީ ޓްރަމްޕްގެ ސަބަބުންކަމަށް ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރ ޗަކް ޝުމާ ވަނީ ވިދާޅުވެފައެވެ. އަދި އަވަސް މުސްގުބަލެއްގައި ޓްރަމްޕަށް އޭނާގެ ބޮޑު ފާރު ނުލިބޭނެކަމަށްވެސް ޗަކް ޝުމާ ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ސަރުކާރުގެ ކަންތައްތައް އަލުން ފެއްޓެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސެނެޓުގެ ޚާއްސަ ބައްދަލުވުމެއް މިއަދުގެ ވަގުތެއްގައި އޮންނާނެކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...