އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އުރީދޫއިން ތަޢާރަފުކޮށްފި

އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އުރީދޫއިން ތަޢާރަފުކޮށްފިއެވެ.

އުރީދޫއިން ތަޢާރަފު ކުރި އެ ޚިދުމަތަކީ ގިނަ އަދަދެއްގެ ފިލްމާއި މިއުޒިކްގެ އިތުރުން ވީޑިއޯ ބަލޭލެވޭނެ ޚިދުމަތެކެވެ. އަދި އެމޭޒަން ޕްރައިމް ވީޑިއޯއަކީ މަޝްހޫރު ފިލްމުތަކާއި ޓީވީ އެޕިސޯޑްތައް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓީވީ ޗެނަލްތައް ހިމެނޭ މުނިފޫހި ފިލުވައިދޭ ކޮންޓެންޓް އެކުލެވިފައިވާ ޚިދުމަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އުރީދޫއިން އެމޭޒަން ޕްރައިމް ވީޑިއޯ ތައާރަފުކުރީ އެކަމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. އެ ޚިދުމަތް އިފްތިތާހު ކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާންއާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް އެވެ.

އައު އަހަރާއި ގުޅިގެން އުރީދޫން ތައާރަފްކުރި އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް، އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭނެކަމަށާއި ކުރިއަށް އޮތް 7 ދުވަސް ވަންދެން އެ ޚިދުމަތް ހޯދުމަށް ހިލޭ ސަބްސްކްރައިބް ކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ފުރަތަމަ 7 ދުވަހުގެ ފަހުން 6 މަސްދުވަސް ވަންދެން 49 ރުފިޔާއަށް އެ ޚިދުމަތް ލިބޭނެކަމަށްވެސް އުރީދޫއިން މަޢުލޫމާތުދެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީޯ ނަޖީބު ޚާން ވިދާޅުވީ ޓެކްނޮލޮޖީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންވެސް ފިލްމާއި ޓީވީ ޝޯތައް ބެލުމަށް އިންޓަނެޓް ޚިޔާރުކުރަމުންދާކަމަށެވެ. އަދި އުރީދޫއިން ތަޢާރަފު ކުރި ޚިދުމަތާއި ގުޅިގެން އެ ޚިދުމަތް ރާއްޖޭގެ އުރީދޫ ކަސްޓަމަރުންނަށް ފަސޭހައިން ލިބިގެންދާނެކަމަށްވެސް ނަޖީބު ޚާން ވިދާޅުވި އެވެ.

އުރީދޫއަކީ ރާއްޖޭގައި ޓެކްނޮލޮޖީ ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...