ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި

ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި، ކަށިމާ އެންޓްލާސް އާ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކޮށްފިއެވެ.

ވޭލްސްގެ ފޯވަޑް ގެރެތު ބޭލްގެ ހެޓްރިކާއެކު ޖަޕާންގެ ކަށިމާ އެންޓްލާސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުލަބު ވޯލްޑް ކަޕު ފައިނަލަށް ދަތުރުކުރީ ބޭލްގެ ފިޓްނަސްއާ މެދު ސުވާލު އުފެދިފައިވަނިކޮށެވެ. ނަމަވެސް ހެޓްރިކް ހަދައި އޭނާ ވަނީ އޭނާ ފިޓްކަން ސާބިތު ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ރެއާލްއިން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެންމެ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ލަނޑު ޖެހުމުގެ ކުރިން ބޭލް އާއި ކަރީމް ބެންޒެމާއަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ލިބުނު ފުރުސަތުގެ ބޭނުން ރަގަޅުގޮތުގައި ހިފައި ފުރަތަމަ ހާފުގެ ފަހު ވަގުތުގައި، ބޭލް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މާސެލޯ އާ ދެ ކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން އުފެއްދި ވަން ޓޫ ޕާހެއްގައި ތަނަވަސް ކުރި ބޯޅައަކުންނެވެ.

ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި، ބޭލް ލަނޑު ޖެހީ، ކަށިމާގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. ކަށިމާގެ ކުޅުންތެރިން ފަހަތަށް ދިން ބޯޅަ އެ ޓީމުގެ ޑިފެންޑަރު ޝޫޓޯ ޔަމަމޯޓޯ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ބޯޅަ، އޭނާ އަށް ވުރެ ކުރިން ބޭލް ވަނީ ހޯދާފައެވެ. ބޭލް ބޯޅަ ލިބުމުން، އެ ބޯޅަ ދިފާއު ކުރުމަށް ކަށިމާގެ ކީޕަރު ޝުން ޓޭ ނިކުތުމުން ބޭލް އަށް ހުހަށް އޮތް ގޯލް ލިބުނެވެ. އޭނާ ވަނީ ޝުންޓޭއަށްވެސް ފުރުސަތު ނުދީ، ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އޭގެ ދެ މިނެޓް ފަހުން، ބޭލް ހެޓްރިކް ހެދީ އޭރިއާ ބޭރުގައި ހުރެފައި މާސެލޯ ދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. މެޗުގައި ކަށިމާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޝޯމާ ޑޮއިއެވެ.

އަރަބި އެމިރޭޓްސްގެ އަބޫދާބީގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. ފައިނަލުގައި ރެއާލް ވާދަ ކުރާނީ އެމިރޭޓްސްގެ އަލް އައިން އާ ދެކޮޅަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...