2022 ވަނަ އަހަރުގައި ވޯލްޑް ކަޕް ކުޅޭ ދަނޑުތަކުގެ ޑިޒައިން ދައްކާލައިފި

ދުނިޔޭގެ ފުޓުބޯޅައިގައި ކުޅޭ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ދުނިޔޭގެ ތައްޓަށް 2022ވަނަ އަހަރު ކުޅޭ ފީފާ ވޯލްޑް ކަޕް ހުޅުވާ މެޗާއި، އަދި ފައިނަލްވެސް ކުޅޭނެ ލުސައިލް ސްޓޭޑިއަމްގެ ޑިޒައިން ދައްކާލައިފިއެވެ.

ޖުމްލަ 80 ހާސް މީހުންގެ ޖާގަ ލިބޭ އެ ސްޓޭޑިއަމް ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕްގައި ބޭނުންކުރާނެ އެންމެ ބޮޑު ސްޓޭޑިއަމް. ސްޓޭޑިއަމް ބިނާ ކުރުމަށް ނިންމާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާއާ 15 ކިލޯމީޓަރު ދުރުގައެވެ. ގަތަރުގެ ފިނިހޫނުމިނަށް ބަލައި، ފީފާއިން ވަނީ އެ ވޯލްޑް ކަޕަކީ ފިނި މޫސުމުގެ ވޯލްޑް ކަޕަކަށްވެސް ބަދަލުކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕް އޮންނާނީ 2022 ވަނަ އަހަރު ނޮވެންބަރު މަހުގައެވެ.

ޑިޒައިން ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވޯލްޑް ކަޕްގެ ކަންތައްތައް އިންތިޒާމް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ ޖެނެރަލް ސެކްރެޓަރީ ހަސަން އަލް ތަވާދީ ވިދާޅުވީ، ގަތަރަށް ވޯލްޑް ކަޕްގެ ބިޑް ކާމިޔާބު ކުރެވުނުތާ 8 އަހަރު ވެއްޖެެ ކަމަށެވެ. އެ ދުވަހުން ފެށިގެންވެސް ފެންނާނީ ތަފާތު ކަންތައްތަކެއް ކަމަށެވެ. އަދި މި ދައްކާލެވުނު ތަފާތު ޑިޒައިނާއެކު، އެ އަމާޒަށް ޑެލިވާ ކޮށްދެވޭކަމުގެ ޔަގީންކަންއެބައޮތްކަމަށް ތަވާދީ ވިދާޅުވިއެވެ. ތަވާދީ ބުނެފައި ވަނީ ލުސައިލް ސްޓޭޑިއަމްއަކީ އެގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ސަރަހައްދެއްގައި ބިނާ ކުރެވޭނެ ސްޓޭޑިއަމްއެއް ކަމަށާއި، އެ ސްޓޭޑިއަމްއަކީ ސިޓީގެ ހިތް ކަމަށެވެ. އަދި ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމް ބޭނުންކުރާނީ މަލްޓިޕާޕޯސް ކޮމިއުނިޓީ ލެބެއްގެ ގޮތުގައި ކަމަށްވެސް ތަވާދީ ވަނީ ބުނެފައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ އަރަބި ފަސްގަނޑުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށެވެ. 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...