އެފްރިކާގެ މޮޅު ކުޅުންތެރިއަކަށް މިފަހަރު ވެސް ސަލާހު

ބީބީސީން ހޮވާ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ލިވަޕޫލާއި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުއަށް ލިބިއްޖެއެވެ.

ބީބީސީން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސާލާހަށް ލިބިފައިވަނީ މަޝްހޫރު ކުޅުންތެރިން ތަކެއް ކަމަށްވާ ލިވަޕޫލަށް ކުޅެމުން އަންނަ ސަޑިއޯ މާނޭއާއި ނަޕޯލީގެ ކަލީދޫ ކުލިބާލީއާއި ޔުވެންޓަސްއަށް ކުޅެމުން އަންނަ މެހެދީ ބެނައިޝާގެ އިތުރުން އެތުލެޓިކޯގެ ތޯމަސް ޕާޓޭއާއި ވާދަކޮށްގެންނެވެ.

ސަލާހަށް އެ އެވޯޑް ލިބިފައިވާއިރު އޭނާ އަކީ ޖެހިޖެހިގެން އެ އެވޯޑް ހާސިލް ކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ އެވޯޑް ޖެހިޖެހިގެން ހާސިލްކޮށްފައިވަނީ ނައިޖީރިއާގެ ކުޅުންތެރިއެއް ކަމަށްވާ ޖޭޖޭ އޮކާޗާއެވެ.ެ ސަލާހުގެ ކުރިން އެ އެވޯޑް ލިބުނު މިސްރުގެ ދެ ކުޅުންތެރިންނަކީ މުހައްމަދު ބަރަކާތާއި މުހައްމަދު އަބޫތުރިކާއެވެ.

އެ އެވޯޑް ލިބުމުން ސަލާހު ބުނެފައިވަނީ ދެވަނަ ފަހަރަށް އެ އެވޯޑް ލިބުމުން ވަރަށް އުފާވިކަމަށާއި، އަދި އަންނަ އަހަރުވެސް އެ އެވޯޑް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިދިޔަ ސީޒަނުގެ އިތުރުން މި ސީޒަނުގައި ވެސް ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ސަލާހު ބުނެފައިވަނީ މި ސީޒަނުގައި އޭނާ ދެން އެންމެ ބޭނުންވަނީ އޭނާ ކުޅެމުން އަންނަ ކުލަބް، ލިވަޕޫލާއި އެކު ކާމިޔާބީ އެއް ހޯދުމަށްކަމަށާއި އެކަމަށްޓަކައި ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް މިއަހަރު ހަލައްކަ ފަންސާސް ހާސް ވޯޓް ލިބިފައިވޭ. އެއީ ރެކޯޑް އަދަދެއްކަމަށް އެވޯޑް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...