މި އީދުގައި ރ. މީދޫގެ އިރުމަތީ އަވަށުންވަނީ ތަފާތުގިނަ ކުޅިވަރުތަކެއް ގެނެސްދީފި

ރ. މީދޫ އީދު ކުޅިވަރުތަކުގެ ތެރެއިން- ފޮޓޯ: ޗެނަލް 13

1438 ވަނަ އަހަރުގެ އަޟްހާއީދުގެ ކުޅިވަރުރައް އެކި ރަށްރަށުގައި ފެށިގެން ކުރިއަށްދާއިރު، ރ. އަތޮޅު މީދޫގައި ކުޅޭ ޢީދު ކުޅިވަރު ވެގެން ގޮސްފައިވަނީ ވަރަށް ތަފާތު ކުޅިވަރުތަކަކަށެވެ. 


އަޟްހާއީދުގެ ކުޅިވަރުތައް ރ މީދޫގައި ފޯރިގައި ކުރިއަށްދާއިރު މިއަދު މީދޫ އިރުމަތީއަވަށުން ވަނީ އަންހެނުންގެ ކޯޑީ ކެނޑުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އަންހެނުންގެ ކޯޑީގެ ކުޅިވަރުތައް ފެށިފައިވަނީ އެރަށުގެ އަންހެންވެރިންގެ ލަވަކިއުމާއި ނެށުމުގެ ފަރި ހަރަކާތްތަކާއެކުގައެވެ.

ރަށުގެ އެކި މަގުތަކުގައި ކޯޑީގެ ހަރަކާތްތަކާއެކު ކުރިއަށް ގެންގޮސް ކޯޑި ރުކުގައި ހަރުކުރެވި ލަވައާއި ނެށުމުގެ ހަރަކާތްތަކަށްފަހު ކޯޑި ކެނޑާފައިވަނީ އެރަށައް އީދު ކުޅިވަރުބަލަންއައިސްފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. ކޯޑި ކެނޑުމާއިއެކު އަންހެންވެރިން ވަނީ ފެންޖެހުމުގެ ކުޅިވަރުތައް ފަށާފައެވެ.


މީގެ އިތުރުން މިއަދު ހަވީރު ވަނީ ފިރިހެން ވެރިންވެސް ކޯޑި ކެނޑުމުގެ ހަރަކާތެއް ކުރިއަށްގެންސްފައެވެ. އެގޮތުން ބޮޑުބެރާއި ލަވަކިއުމާއި، ނެށުމުގެ ހަރަކާތްތަކާއެކު، މަގުތަކުގައި ދުއްވުމަށްފަހު ކޯޑި ވަނީ ކަނޑާފައެވެ. މީދޫ އިރުމަތީ އަވަށުގައި އިއްޔެ ކުޅުނު ކުޅިވަރުތަކަށް ބަލާލާއިރު އެންމެ ފޯރިއާއިއެކު ކުރިއަށްދިޔައީ ނައުގެ ހަރަކާތްތަކެވެ.

ބޭރުގެބަޔަކު ރަށައް ވެރިވެގެން އުޅެނިކޮށް ރާއްޖޭގެ އަސްކަރީ ބާރުތަކުން ޓެރަރިސްޓް ޖަމާއަތުގެ ކިބައިން މީދޫ ސަލާމަތްކުރި މަންޒަރު މި ހަރަކާތުން ދައްކުވައިދީފައިވެއެވެ. އަދި ކަނބަލުންގެ ކުރުފަލި ޖެހުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.


މީދޫ އިރުމަތީ އަވަށުން ކުރިއަށް ގެންދާ އީދުކުޅިވަރުތައް ބަލާލުމަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު، މާލެއާއި ކައިރި ރައްރަށުންވެސް އެރަށަށް ގިނަ ބަޔަކު ކުޅިވަރުތައް ބެލުމަށް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިރޭވެސް މީދޫގެ އީދު ކުޅިވަރުގެ ތެރެއިން ސްޓޭޖްޝޯގެ ހަރަކާތްތައް ކުރިއަށް ގެންދާގޮތައްވަނީ ހަމަޖެހިފައެވެ. މިހަރަކާތްތައް ޗެނަލްތާޓީނުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...