އިދިކޮޅު ފަރާތްތައް ބަލި ކުރާނީ ވޯޓުން: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމް

އިދިކޮޅު ފަރާތްތައް ބަލި ކުރާނީ ވޯޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލްތާޓީންނަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރު ޒިންމާދާރު ކުރުމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި، ސަރުކާރުން ގެންނަމުންދާ ތަރައްގީ ރައްޔިތުންނަށް ފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރަކީ ހުސް އަނގަތަޅާނެ ސަރުކާރެއް ނޫން ކަމަށާއި، މިސަރުކާރުގައި ހިއްވަރު ހުރިކަން ދައްކާނީ އަމަލުން ކަމަށެވެ. އަދި ރައްޔިތުން ބަލައިގަންނަ ވެރިއަކީ ރައީސް ޔާމީން ކަމަށާއި، ރައީސް ޔާމީން ފިޔަވައި ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިގެން ހުންނަވާ ވެރިކަމަށް ވަޑައިގެން ދެވަނަ ބޭފުޅަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތައް ބަލިކުރާނީ 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ކަމަށެވެ. އަދި އިދިކޮޅުގައި ވާދަވެރި ކެންޑިޑޭޓެއް ވެސް ނެތްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަން ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި، އިމްރާން އަބްދުﷲ އަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައިވާކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...