އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރި ނަމަވެސް ރައީސް ޞޯލިހުގެ ތާއީދެއް ނެތް

ރައީސް ޞޯލިހު އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ސޯޝަލް މީޑިޔާ

2019 ވަނަ އަހަރުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރިޔަސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މުލިއާގޭގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބާ ގުޅޭގޮތުން ކޯލިޝަނުގެ ލީޑަރުންނާ މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. އެހެންކަމުން ކޯލިޝަނެއްގައި އޮވެ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ވާދަކުރަން ފެނިވަޑައި ނުގަންނަވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމްޑީޕީން ނިކުތް ނަމަވެސް ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވެން ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ބައެއް މީީޑޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރީ 50 ވަރަކަށް ދާއިރާއަށް އެމްޑީީޕީން ވާދަކުރާ ގޮތުގެ ވިސްނުންފުޅެއް ކަމަށެވެ.

އަދި އެމަނިކުފާނުގެ މައިގަނޑު ވިސްނުންފުޅަކީ ކޯލިޝަންގެ ގުޅުމަށް ބުރު ނާރާނެ ގޮތަކަށް މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ. އެ ގޮތުން ކޯލިޝަނަށް ބުރު އަރާނެ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށް ރައީސް ވަރަށް ސާފުކޮށް ވިދާޅުވި ކަމަށްވެސް ބައެއް ނޫސްތަކުގައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ޖޭޕީ، އެމްއާރްއެމް އަދި އަދާލަތުގެ ކެންޑިޑޭޓުންނަށް ބައެއް ދާއިރާ ތަކުގައި ތާއީދު ދެއްވާނެ ކަމަށް ރައީސް އެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.


ރައީސް އެގޮތަށް އެ ނިންމުން ނިންމެވީ ކޯލިޝަން އެގްރީމެންޓާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. އަދި މުލިއާގޭގައި ބޭއްވި ބައްދަލުވުމުގެ ދައުވަތު ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދެއްވި ނަމަވެސް ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވެފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...