ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަތައް "ގޯޕީ"ބަހޫ ދޮގުކޮށްފި

އިންޑިއާގައި ޑައިމަންޑްގެ ވިޔަފާރި ކުރާ މީހެއްކަމަށްވާ ރާޖޭޝްވަރު އުދާނީގެ މަރާއި ގުޅިގެން ސްޓާ ޕްލަސް އިން ގެނެސްދިން ޓީވީ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީ ބަހޫގެ ރޯލުން މަޝްހޫރު ކަން  ހޯދި ޓީވީ ބަތަލާ ދެވޮލީނާ ބަޓަޗަރުޖީ ހައްޔަރު ކުރި ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

އެގޮތުން ދެވޮލީނާގެ ވަކީލު ބުނެފައިވަނީ އޭނާގެ ކްލައިންޓް ހައްޔަރު ކޮށްފައިވާކަމަށް ބުނެ އިންޑިއާގެ ނޫސްތަކުން ފަތުރާފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށެވެ. އެގޮތުން ކަމުގެ ހަގީގަތް ނުބަލާ މިޑިއާގައި އެފަދަ ޚަބަރެއް ފެތުރުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ވަކީލު ވަނީ ބުނެފައެވެ. އަދި އެ ޚަބަރުގެ ސަބަބުން ދެވޮލީނާއަށް އެކި ގޮތް ގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާކަމަށްވެސް ވަކީލު ބުނެފައިވެއެވެ. އަދި އެފަދަ ޚަބަރުތައް ފަތުރާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ދެވޮލީނާގެ ވަކީލު ބުނެފައިވެއެވެ.

57 އަހަރުގެ އުދާނީ ގެއްލިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ. އެދުވަހު އެނާ ގެއަށް ގޮސްފައި ނުވާތީ އެނާގެ އާއިލާއިން ވަނީ ގެއްލިގެންވެސް ރިޕޯޓް ކޮށްފައެވެ. ނަމަވެސް ހަތަރު ދުވަސް ފަހުން ވެސް ގެއަށް އައިސް ފައި ނުވުމުގެ ސަބަބުން އުދާނީގެ އާއިލާއިން ވަނީ އޭނާ ކިޑްނެޕްކޮށްފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

އުދާނީ ހޯދަން ފުލުހުން އެތައް މަސައްކަތް ކޮށްފައިވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށް އިންޑިއާގެ ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައިވެއެވެ. އަދި ހަށިގަނޑު ފެނުނު އިރު ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށާއި، ނަމަވެސް ހަށިގަނޑުގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތްކަމަށްވެސް ބުނެފައިވެއެވެ. ޕޯސްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަރާލާފައިވަނީ ނޭހާ ހާސްކޮށްގެން ކަމަށްވެސް ބައެއް ނޫސްތަކުގައިވެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ދެ ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެއަންހެން މީހާއަކީ ދެވޮލީނާ ކަމަށް ފުލުހުން ބުނެފައި ނުވެއެވެ.

ވިޔަފާރިވެރިޔާ އުދާނީ އަކީ ގިނަ ބަޔަކާއި ގާތްގުޅުމެއް ބާއްވަމުން އަންނަ މީހެއް ކަމަށާއި، އޭގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ މީހުންތަކެއް ވެސް ހިމެނޭ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ. އެގޮތުން ދެވޮލީނާއާއި ސުވާލުކޮށްފައިވަނީ އުދާނީގެ ފޯނުގެ ކޯލް ލިސްޓްގައި އޭނާގެ ނަން އޮތުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...