މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުން ރަނގަޅެއް ނޫން- ދިރާސާ

މަސައްކަތުގެ މާހައުލުގައި ގިނައިން ވަގުތު ހޭދަކުރުމަކީ ތިބާގެ ބޮސް ހިތްހަމަޖައްސައިދޭނެ ކަމެއް ކަމަށް ހީވާނަމަ އެއީ ކުށްހީއެކެވެ. އެގޮތަށް ހީކުރެވޭނަމަ، އެކަމާ ދޭތެރޭގައި އަދި އެއްފަހަރު ވިސްނާލާށެވެ.

ދިރާސާއަކުން ދައްކާގޮތުން އޮފީހުގައި ނުވަތަ މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަ ކުރާނަމަ، މަސައްކަތުގައި ހެދޭ ގޯސްތައް އިތުރުވެއެވެ. އެގޮތުން ގިނައިން ވަގުތު ނުދޭ މީހުންނަށްވުރެ، އެފަދަ މީހުންނަށް 9 އިންސައްތަ އިތުރަށް، ކުރާ މަސައްކަތުގެ ތެރެއިން ގޯސް ހެދޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ. އެކަން އެގޮތަށް ދިމާވަނީ މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މީހާ ވަރުބަލިވެ، ފޫހިވުމުގެ ސަބަބުންނެވެ.

އެދިރާސާއިން ދައްކާ ގޮތުން ވަޒީފާ އަދާ ކުރާ ތަނުގައި ގިނަ ވަގުތު ހޭދަކުރުމުގެ މާނައަކީ، އެމީހަކު އެންމެ ބުރަކޮށް މަސައްކަތް ކުރުމެއްވެސް ނޫނެވެ. އެފަދަ މީހުން ބޭކާރު ކަންކަމުގައިވެސް ވަގުތު ހޭދަކުރާލެއް ވަރަށް ގިނައެވެ. ފޭސްބުކް، އިންސްޓެގްރާމް، ޓްވިޓަރ ނުވަތަ އެނޫންވެސް މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގައި އެފަދަ މީހުން ވަގުތު ހޭދަކުރެއެވެ. އެހެންކަމުން އޮފީހުގައި ގިނަ ވަގުތު ހޭދަކުރުމަކުން އަދި ތިބާއަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.

މާގިނައިން މަސައްކަތުގައި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ގޮތުންވެސް މައްސަލަތައް ދިމާވެދާނެ ކަމެކެވެ. ގިނަ ވަގުތު އޮފީހުގައި އުޅޭ މީހުންނަށް އާއިލާއާއި އެކީގައި ނުވަތަ ރައްޓެހިންނާއި އެކީގައި ވަގުތު ހޭދައެއް ނުކުރެވެއެވެ. އެކަމުގެ ސަބަބުން އާއިލާގެ މެމްބަރުންނާއި، ރައްޓެހިންނާއި މެދު މައްސަލަތައް ޖެހެން މެދުވެރިވެއެވެ. އެއީ ނަފްސާނީ ގޮތުން ތިބާއަށް ނޭދެވޭ އަސަރު ކުރުވާނެ ކަމެކެވެ. މަސައްކަތާއި ދޭތެރޭ ހިތްހަމަޖެހުނަސް، އަމިއްލަ ދިރިއުޅުމާއި މެދު ހިތްހަމަނުޖެހޭނަމަ، ހަޤީޤީ އުފަލެއް ނެތެވެ.

ދިރާސާއިން ދައްކާގޮތުން، ވަޒީފާ އަދާކުރާ ތަނުގައި ގިނަ ވަގުތު ހޭދަކުރާ މީހުންގެ ބަރުދަންވެސް އިތުރުވެއެވެ. އެހެން ދިމާވާ އެއް ސަބަބަކީ ކަސްރަތު ކުރަން ވަގުތު ނުދެވުމެވެ.

އަދި އަބަދު މަސައްކަތުގައި އުޅޭއިރު ގިނައިން ކެވުމެވެ. އެހެންކަމުން، ގިނަ ވަގުތު މަސައްކަތުގައި އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...