ސަރުކާރުގެ މަތިބަރުވެ، ރައްޔިތުންގެ ޝަކުވާތައް އިތުރުވެއްޖެ

ރައީސް ސޯލިހު ވަނީ 42 ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާފައި. ފޮޓޯ/ ރައީސް އޮފީސް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދަކީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ވައުދެވެ.

އެހެންނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަސް ދުވަސް ނުވަނީސް ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް 42 ބޭފުޅުން އައްޔަން ކުރެއްވުމާއެކު، ރައީސް ސޯލިހު ރައްޔިތުންނަށް ދެއްކެވި ހުވަފެން ބިލާހަކަށް ވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން، ރައްޔިތުންނަށް ދެއްކެވި އެއް ހުވަފެނަކީ ޚަރަދު ކުޑަ ގޮތެއްގައި ދައުލަތް ހިންގަވާނެ ކަމުގެ ހުވަފެނެވެ.  ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު އެކި ރަށްރަށަށް ވަޑައިގެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި ދައުލަތުން ބޭކާރު ޚަރަދުތަކެއް ނުކުރާނެ ކަމަށާއި، ޚަރަދު ކުރާނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކަމަށެވެ. 

އެހެންނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވިތާ މަސްދުވަސް ނުވަނީސް، ރައީސް ސޯލިހު ރައްޔިތުންނަށް ދައްކަވަމުން އެ ގެންދަވަނީ މުޅިން އެހެން މަންޒަރެކެވެ. ރައްޔިތުންނަށް ފެނިގެން މިދަނީ، ރާއްޖޭގެ ތާރީހުގައިވެސް އެންމެ މަތި ބަރު ސަރުކާރަށް ރައީސް ސޯލިހުގެ ސަރުކާރު ވަމުން އަންނަ މަންޒަރެވެ.

އެގޮތުން 19 ވުޒާރާއެއް އެކުލަވާލާ، އެ ވުޒާރާތަކުގެ ހިންގުމުގެ މަސައްކަތަށް ޖާގަ ދިނުމުގެ ގޮތުން އެތައް މިލިއަން ރުފިޔާއެއް އަންނަ އަހަރުގެ ބަޖެޓްގައިވެސް ކަނޑައަޅާފައިވެއެވެ. އެހާ ބިޔަ ކެބިނެޓެއް އެކުލަވާލުމާއެކު، ގިނަ މީހުން ފުރަތަމަ ވެސް ކުރި ސުވާލަކީ އެންމެ ހަތަރު ލައްކަ މީހުންގެ އާބާދީއެއް ބަލަހައްޓަން އެވަރުގެ ގިނަ ފާޓުފުޅާ ވުޒާރާތަކެއް ބޭނުންވޭތޯއެވެ؟ މިހާރުވެސް ސިޔާސީ މަގާމުތައް ގިނަވެ، ހެޔޮވެރިކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ ރައްޔިތުންގެ މެދުގައި އޮތީ ބޮޑުވެފައެވެ.

ސަރުކާރު މަތިބަރުވެ ރައްޔިތުންގެ ކަންކަމުގައި ފަހަތުފަޔަށް ބުރަވުމަކީ، ނިމުމެއް ނެތް ޝަކުވާއެވެ. ދެން އޮތީ ރައީސް ސޯލިހުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ވާހަކައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމަނިކުފާނުގެ ސަރުކާރުން ސްޓޭޓް މިނިސްޓަރުންގެ މަޤާމް ދެއްވި ބޭފުޅުންގެ އަދަދު ވަނީ 42އަށް އަރާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރުވެސް، ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް އައްޔަންކުރެއްވި ބޭފުޅުންގެ އަދަދު މިހާ ގިނަވެފައެއް ނުވެއެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނަށް ހުންނެވި އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އެކި ދުވަސްވަރު އެކި އަދަދަށް ސްޓޭޓް މިނިސްޓަރުން ތިއްބެވި ކަމަށާއި، އެހެންނަމަވެސް ސްޓޭޓް މިނިސްޓަރުންގެ އަދަދު އެންމެ ބޮޑަށްވެސް އިތުރުވީ 29އަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޚަރަދުތައް ބޮޑުވެގެން އެވާހަކަ ދެއްކެވި ބޭފުޅާއަށް ވެރިކަން ލިބިވަޑައިގަތުމުން ފެނިގެން މިދަނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ މަތި ބަރު ސަރުކާރު އެކުލަވާލައްވަން މަސައްކަތް ކުރައްވަމުންދާ މަންޒަރެވެ.

މިނިސްޓްރީތަކުގެ އަދަދު ގިނަ ވުމަކީ ދައުލަތުގެ ޚަރަދު އެތައް ގުނައެއް ބޮޑުވެގެން ދާނެ ކަމެކެވެ. ވަޒީރުންގެ މުސާރައިގެ އިތުރުން އޮފީސް ހިންގުމުގެ ޚަރަދާއި ސިޔާސީ މަގާމުތަކަށް ކުރަން ޖެހޭ ޚަރަދުތައް ވެސް މިނިސްޓްރީތައް އިތުރު ވުމުން ގިނަ ވެގެން ދާނެއެވެ. ޤައުމެއްގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނީ ރިކަރަންޓު ޚަރަދު ކުޑަކޮށްގެންނެވެ.

އެހެންނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުގައި މިނިސްޓަރުން ލެވެލްގެ މަޤާމްތައް އިތުރުވެ، ޚަރަދުތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެކަމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ. ތިމަން މަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަޤާމްތައް މަދު ވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، ސްޓޭޓް މިނިސްޓަރުންގެ މަޤާމަށް އައްޔަން ކުރައްވަމުން ދަނީވެސް ސިޔާސީ ގޮތުން އެމަނިކުފާނާއި އެންމެ އަރިސް ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

މަޤާމްތަކަށް އައްޔަން ކުރައްވާ ގިނަ ބޭފުޅުންނަކީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ. ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުގައި އަދިވެސް އިސް މަޤާމްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ރައީސް ސޯލިހުއަށް ވެރިކަން ލިބިވަޑައިގަތީ ބޮޑު ކޯލިޝަނަކާއި ގުޅިގެން ކަމަށްވުމުންނެވެ.

އެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބޯކިބާއިން އެއްވަރަކަށް ބައިއަޅަންޖެހޭއިރު، އަދިވެސް ބޯކިބާ ފޮތި ބަހަން ޖެހޭ އެތައް ބަޔަކު އެބަތިއްބެވެ.  ބޯކިބާއިން ހައްޤުވާ މިންވަރު ނުލިބިއްޖެނަމަ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި މައްސަލަތައް އިތުރުވެ، ކޯލިޝަން އިސާހިތަކު ރޫޅިގެން ހިނގައިދާނެއެވެ.

އެހެންކަމުން، އަމިއްލަ ޖީބަށް ބަރުކުރަން ބޭނުންވާ އެތައް ބަޔަކަށް މަޤާމުތައްވެސް ދޭން އެބަޖެހެއެވެ. ބަޖެޓުގެ ތާށިކަން އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހުނަސް، ކޯލިޝަން ސަރުކާރަކަށް އެކަންވެސް ކޮށްދެވޭކަށް ނެތެވެ. ރައްޔިތުންގެ މަސްލަހަތަށްވުރެ، އަމިއްލަ މަސްލަހަތު އިސްކުރަން ބޭނުންވެއްޖެ ނަމަ، ވާނީވެސް އެހެންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...