ފެންބޮޑުވުމާއި ރިންގްރޯޑާއި ގުޅުމެއް ނެތް- ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

މާލޭގެ މަގުތަކުގައި ފެންބޮޑުވަނީ ރިންގްރޯޑުގެ ސަބަބުން ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ރައްދު ދެއްވައިފިއެވެ.  

ބުދަ ދުވަހު ވެރިރަށް މާލެއަށް ކުރި ވިއްސާރައާއި ގުޅިގެން، މާލޭގެ ހުރިހާ މަގުތަކެއްގައި ފެންބޮޑުވީ، ބޮޑުތަކުރުފާނު މަގު، ރިންގު ރޯޑު ޕްރޮޖެކްޓް ހިންގާފައިވާ ގޮތުގެ ސަބަބުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ރިންގްރޯޑް މަޝްރޫޢަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވެފައިވަނީ، މާލޭގެ ބޭރު މަގު ހަދާފައި ވަނީ އުސްކޮށް ކަމަށާއި ވާރޭ ވެހެން ފެށުމުން ފެން ޖަމާވަމުން ދަނީ ރަށު ތެރެއަށް ކަމަށެވެ.

ބޯކޮށް ވާރޭ ވެހެން ފެށުމުން މެކޭނިކަލް ޕަންޕު ބޭނުންކޮށްގެން ވެސް ފެން ހިންދުމުގައި ދަތިތަކެއް ކުރިމަތިވީ އެކަމުގެ ސަބަބުން ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާގެ ވާހަކައަށް ރައްދު ދެއްވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވީ އެމަނިކުފާނުގެ ސަރުކާރުގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ސަބަބުން ނޫން ކަމަށެވެ.  މާލޭގެ މަގުތަކަކީ މާ ކުރިން ހެދިފައިވާ މަގުތަކެއް ކަމަށާއި، އެމަގުތަކުގައި އެންމެ ކުރިންސުރެވެސް ފެންބޮޑުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ރިންގް ރޯޑުގައިތޯ ފެންބޮޑުވީ؟ ރިންގް ރޯޑަކު ނޫން ފެންބޮޑުވީ. މާލެ އެތެރޭގައި ފެންބޮޑުވީ. އެހެންވީމަ ރިންގްރޯޑު އޮތީ ރަނގަޅަށް ނޫންތޯ؟ ރިންގް ރޯޑު އޮތީ ގޯސްކޮށް ކަމަށް ވަންޏާ ރިންގް ރޯޑުގައި ފެންބޮޑު ވާންވާނީ. " ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކާނުތައް ރަނގަޅަށް ނުބެލެހެއްޓުމާއި، ޕަންޕު ސްޓޭޝަންތައް ރަނގަޅަށް މަސައްކަތް ނުކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ބުދަ ދުވަހު މާލޭގެ މަގުތަކުގައި އެހާބޮޑަށް ފެންބޮޑުވެފައިވަނީ، މާބޮޑަށް ވާރޭ ވެހި ޕަންޕުތަކަށް އޮބި ނޯންނަވަރު ވެގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މި މަހުގެ ފަސްވަނަ ދުވަހު ވެރިރަށް މާލެއަށް އާދަޔާ ޚިލާފަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ލިބުނު ގެތަކުގެ އަދަދު 196 އަށް އަރާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރެއެވެ. އެސެންޓަރުން ބުނީ، ފެންބޮޑުވުމާއި ގުޅިގެން ގެއްލުންތައް ލިބިގެން ރިޕޯޓު ކުރި ގެތަކުގެ ތެރެއިން 52 ގެއެއްގެ އެސެސްމަންޓް ރިޕޯޓު ހަދާ ނިންމާފައިވާ ކަމަށެވެ.

އަދި އިތުރު ގެތަކުގެ އެސެސްމަންޓް ރިޕޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލެއަށް ބުދަ ދުވަހު ކުރި ވިއްސާރައިގައި 223.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...