އިތުރު 18 ބޭފުޅަކަށް ޕީޕީއެމްއިން ޓިކެޓް ދީފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ 18 ބޭފުޅަކަށް ޕީޕީއެމްއިން ޓިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ 18 ބޭފުޅަކަށް ޕީޕީއެމްއިން ޓިކެޓް ކަށަވަރު ކޮށްދީފިއެވެ.

ޕީޕީއެމްއިން ޓިކެޓް ދޭން ނިންމާފައިވާ ބޭފުޅުންނާއި، އެބޭފުޅުން ވާދަކުރައްވާނެ ދާއިރާތައް އިއުލާން ކުރެއްވީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ހުސެއިން ޝަރީފެވެ. އެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ 18 ދާއިރާއެއްގެ ޓިކެޓް ކަށަވަރު ކޮށްދެއްވާފައިވަނީ ޕާޓީގެ ފަރާތުން ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތް ދާއިރާތަކަށް ކަމަށެވެ. އަދި ދެން ހުރި ދާއިރާތަކުގެ ޕްރައިމަރީ ބާއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ފިޝަރީސް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ އަދި ހެލްތު މިނިސްޓަރ ނާޒިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. މަޖިލިސް އިންތިޚާބުގައި އާޒިމާ ވާދަކުރައްވާނީ ނ.އަތޮޅު ހޮޅުދޫ ދާއިރާއަށެވެ.

ހެންވޭރު އުތުރު ދާއިރާއަށް ޝައިނީ ވާދަކުރައްވާއިރު، ނާޒިމް ވާދަކުރައްވާނީ ނާޒިމްގެ އުފަންރަށް ހިމެނޭ ހިންނަވަރު ދާއިރާއަށެވެ. ނާޒިމް ވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރައްވާފައެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫނަށްވެސް ޕީޕީއެމްއިން ވަނީ ޓިކެޓް ދީފައެވެ. ޣައްސާނަށް ޓިކެޓް ދިނީ ތ. ގުރައިދޫ ދާއިރާއަށް ވާދަ ކުރެއްވުމަށެވެ. މީގެ އިތުރުން ފ. ބިލެއްދޫ ދާއިރާއަށް އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީގް އާއި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް އާއި ގދ. ތިނަދޫ އުތުރު ދާއިރާއަށް ސްޓެލްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޒުހޫރު އަދި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާއަށް މުހައްމަދު ލަތީފް ވާދަކުރެއްވުމަށްވެސް ޓިކެޓް ދީފައިވެއެވެ.

އޭގެ އިތުރުން، މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ޚާލިދު އަދި އއ. މަތިވެރި ދާއިރާއަށް ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކް ވާދަކުރަން ވެސް ވަނީ ޓިކެޓް ދީފައެވެ. މީގެ ކުރިންވެސް 24 ބޭފުޅުންނަށް ޕީޕީއެމްއިން ވަނީ ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދީފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...