ބޮޑެތި މައްސަލަތަކުގައި، ޒިންމާދާރު މީހަކު ހަނު ނުހުންނަވާނެ - ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން އެންމެފަހުން ބޭއްވި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މިހާރު

ތަހުޤީޤު ހިނގަމުންދާ ބޮޑެތި މައްސަލަތަކުގައި، ޒިންމާދާރު މީހަކު ހަނު ނުހުންނަވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާއަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ތަހުޤީޤީ އެއްވެސް މަރުހަލާއެއްގައި ހަނު ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ހަނު ހުރުމުގެ ހައްޤު އޮތްކަމުގައި ވީނަމަވެސް ބޮޑެތި މައްސަލަތަކުގައި ޒިންމާދާރު މީހަކު ހަނު ނުހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ހަނު ހުރީމަ އަޅުގަނޑު ހުރިގޮތެއް ބުނާކަށް ނޭތްގޭ ނޫންތޯ! ކީއްކުރަންތޯ ހަނު ހުންނަންވީ؟ އަޅުގަނޑުދެކޭ ގޮތުގައި މިކަހަލަ ބޮޑެތި މައްސަލަތަކުގައި ހަނު ހުރުމުގެ ހައްޤު އޮންނަކަންވެސް އަޅުގަނޑަށް އިނގޭ. އެކަމު މިކަހަލަ ބޮޑެތި މައްސަލަތަކުގައި ޒިންމާދާރު މީހުންނެއް ހަނު ނުތިބޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އެޗްޑީސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ ޝާމިލްވުމެއް ވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، ވަކިކޮށްފައި އޮންނަ މުއައްސަސާއަކުން ކުރާ ކަމަކުން، އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އުފުލަންޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައީސް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައީސް އޮފީހުން ކުންފުނީގެ ބޯޑު އުވާލާފައި، ރައީސް އޮފީހުން ވަކިގޮތަކަށް އަންގައިގެން ކަންތައް ކުރުވަންޏާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ތުހުމަތު ކުރެވޭ ކަމެއްވާނަމަ ތަހުޤީޤު ކުރުމަށް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ސަރުކާރުން މާލީ ބަޔާން ހުށަހަޅުއްވާފައި ވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވާނީ މާލީ ބަޔާން ހުށަހަޅުއްވާފައި ކަމަށެވެ. އަދި އެކަމުގައި ގިނަ ސުވާލުތަކެއް އެމަނިކުފާނު ވަނީ ނޫސްވެރިންނަށް އަމާޒު ކުރައްވާފައެވެ. އޭގެތެރޭގައި މާލީ ބަޔާން ހުށަނާޅާ މައްސަލަ މިއަދު އުފެދިގެން އުޅެނީ ކީއްވެތޯ އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ 3 އަހަރުގެ ވެރިކަމުގަ އާއި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދައުރުގައި މާލީ ބަޔާން ހުށަނާޅުއްވާ ވާހަކަ ނުދައްކަނީ ކީއްވެތޯ އާއި، ރައީސްއަކު މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނަމަ، ރައީސް ޔާމީން އެކަންޏަށް ޓާގެޓް ކުރަނީ ކީއްވެތޯވެސް އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހުޅުމާލޭގެ ބިންތަކާ، ގެތައް ބަހާފައި ވަނީ ކިހިނެއްތޯވެސް ސުވާލު އުފައްދަވާފައެވެ. އަދި ކުންފުނިތަކުން ފައިސާގެ މުއާމަލާތްތައް ހިންގާފައި ހުރީ އުސޫލުން ބޭރުން ކަމަށްވަންޏާ އެއީ ޕީޕީއެމްއާ ގުޅުން އޮތް ކަމަކަށް ނުވާނެ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ވަޒީރުން އަމިއްލަފުޅަށް ކުރައްވާފައި ހުރި ހަރަދުތަކުގެ ތެރެއިން އެ ހަރަދުތައް ދައްކަވާފައި ހުރީ ވަރަށް މަދު ބަޔަކު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...