ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި: މިނިސްޓަރ އަމީން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް

ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްއިން ޚިދުމަތް ދޭން ފެށޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އާ ސަރުކާރުގެ ހެލްތް މިނިސްޓަރ އެފަދައިން ވިދާޅުވެފައި ވާއިރު، ކުރީ ސަރުކާރުގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އެންމެ ފަހުން އެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައި ވަނީ އެންމެ ފަހުގެ ޝެޑިއުލް އާއި އެއްގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާނަމަ، އެންމެ ލަސްވެގެންވެސް ފެބްރުއަރީ މަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ޚިދުމަތް ދެވޭވަރު ވާނެ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް ގެނެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާ، ހޮސްޕިޓަލްގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އާ ސަރުކާރުގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ހޮސްޕިޓަލް ހުޅުވެން ވާއިރަށް، އެތަނުން ލިބޭނެ ހިދުމަތްތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މިނިސްޓަރ އަމީން މިފަދައިން ވިދާޅުވެފައި ވާއިރު، އާ ސަރުކާރުން އެ ހޮސްޕިޓަލް ބޭރު ކުންފުންޏަކާ ހަވާލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމުގެ، އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން ދާދި ފަހުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އާ ސަރުކާރުން އެގޮތަށް މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަދި އެކަން ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

އައިޖީއެމްއެޗްގެ ދެކުނުން އޮތް ބިމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އައިޖީއެމްއެޗާއި ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީގެ އިތުރުން ލޮލުގެ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް އެ ހޮސްޕިޓަލްގައި ގާއިމް ކުރާނެ ކަމަށް ކުރީގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި އަލަށް ގާއިމު ކުރާ ހިދުމަތްތަކުގެ ތެރޭގައި ރެސްޕިރޭޓަރީ، ޕަލްމޮނޮލޮޖީ ޑިޕާޓްމަންޓް، އޯތޯ ޑައިގްނޯސްޓިކް ސެންޓަރު، ނެޝަނަލް ޔޫރޯ ރެނެލް ސެންޓަރު، ޕީޑިއެޓްރިކް އައިސީޔޫގެ އިތުރުން ފެންވަރު ރަނގަޅު ޒަމާނީ ޕްރައިވެޓް ކޮޓަރިތަކެއް ވެސް ހުންނާނެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...