އެކްސިޑެންޓެއް ހިންގުމަށްފަހު އަލީ ސޯލިހު ސްޓޭޓް މިނިސްޓަރަކަށް!

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހުގެ ކާރުން ޖެހި ހިނގި އެކްސިޑެންޓަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އޭނާއަށް ސްޓޭޓް މިނިސްޓަރުގެ މަޤާމު ދެއްވުމުން ރައްޔިތުން ރުޅިގަދަވެއްޖެއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަން ފެށުމާއެކު މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ސިޔާސީ ލީޑަރު ޤާސިމް އިބްރާހިމްގެ ނުފޫޒު އެކިއެކި ކަންތައްތަކުގައި ގަދަވާން ފަށާފައިވާކަން ހުދު ރައީސް ސޯލިހުގެ ޕާޓީ އެމްޑީޕީގެ މެމްބަރުންވެސް ޤަބޫލުކުރެއެވެ. އެގޮތުން ޖޭޕީގެ މެމްބަރުންނަށް ސްޓޭޓް މިނިސްޓަރުކަމާއި މިިނިސްޓަރުކަން ދެމުންދާކަން އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެހެންނަމަވެސް މިހާރު އެންމެ ގަދައަށް އިވިގެންދަނީ ދާދި ފަހުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހުގެ ވާހަކައެވެ.

މި މަހުގެ ތިން ވަނަ ދުވަހު އައްޑޫ ލިންކު ރޯޑުގައި އަލީ ސޯލިހު ދުއްވަން އިން ކާރު ސައިކަލަކާ ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން 19 އަހަރުގެ ކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތައްވެފައެވެ. 19 އަހަރުގެ އަހުމަދު ހައިޝަމް ސޮބްރީގެ އާއިލާއިން މީސްމީޑިއާގައި ހާމަކޮށްފައިވާގޮތުން ހައިޝަމްއަށް ވަނީ އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާދީފައެވެ. އެހާދިސާއަށްފަހު، އެކަން ހިނގާފައިވާކަން ހާމަކުރައްވާ، އަލީ ސޯލިހު ވަނީ އެކުއްޖާއަށް އެހީވި ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އެހެންނަމަވެސް އެ ހާދީސާ ހިނގައިދިޔަ ގޮތާއި ބެހޭގޮތުން އަލީ ސޯލިހު އިތުރު ތަފްސީލު ހާމައެއް ނުކުރައްވައެވެ.

އަލީ ސޯލިހު އެ ކުއްޖާގެ ބޭސްފަރުވާގެ ކަންތައްތަކުގައި އެހީތެރިވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކްސިޑެންޓް ހިނގައިގެން 4 ދުވަސްވީއިރުވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިނުވާ ކަމަށް ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ. އަލީ ސޯލިހުގެ ޓްވީޓުތަކުން ހައިޝަމް ކުށްވެރިކުރަން މަސައްކަތް ކުރައްވާފައިވާކަންވެސް ހާމަވެއެވެ. އެގޮތުން ހައިޝަމް އަތުގައި ލައިސެންސް ނެތްކަމަށާއި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.

އަލީ ސޯލިހު އެފަދައިން ޚިޔާލު ފާޅުކުރެއްވިއިރު، ހައިޝަމްގެ އާއިލާއިގެ މެމްބަރަކު މީސްމީޑިއާގައި ބުނެފައިވަނީ އެކްސިޑެންޓް ހިނގީ އަލީ ސޯލިހަށް ނިދުމުން ކަމަށް އޭނާ އަމިއްލައަށް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި ހައިޝަމް އަކީ ލައިސެންސް އޮތް ކުއްޖެއްކަމަށެވެ. އަދި އޭނާ ފުލުހަށް ގެންދެވުނުތާ ގިނަ އިރުތަކެއް ނުވަނީސް ބަންދުން ދޫކޮށްލެވުނު ކަމަށާއި މިހާތަނަށްވެސް ބަޔާނުގައި ސޮއި ކުރައްވާފައި ނުވާ ކަމަށެވެ.

އެފަދަ މީހަކު ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ރައީސް ސޯލިހު ހަމަޖެއްސެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެ އާއިލާއިން ދަނީ ބުނަމުނެވެ. އަދި ރައީސް ސޯލިހަށް ތާޢީދު ކުރާ އެހެން ފަރާތްތަކުންވެސް ދަނީ އަލީ ސޯލިހު ފަދަ ބޭފުޅަކަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އޭނާ އަކީ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލަން އިސްކޮށްހުރެ މަސައްކަތް ކުރި މީހެއްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސަރުކާރުގެ އެކި ނިންމެވުންތަކާއި ގުޅިގެން ރައްޔިތުން ނުރުހުން ފާޅު ކުރަމުން އައި ނަމަވެސް، ރައްޔިތުންގެ އަޑު ރައީސް ސޯލިހު ނައައްސަވާކަން ފާއިތުވި ހަފްތާ ތެރޭގައި ވަރަށް ސާފުކޮށް ވަނީ އެނގިގެން ގޮސްފައެވެ. އެގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއެކު ބަދު އަޚްލާގީ އަމަލު ހިންގައިގެން ބަންދުގައި ހުރި މީހަކު މިނިވަން ކުރެއްވީވެސް ރައްޔިތުން އެކަމަށް ފާޑުކިޔަމުން ދަނިކޮށްކަން ފާހަގަަ ކޮށްލެވެއެވެ. އަދި މިއަދު ޒުވާން ކުއްޖެއް ބަލި އެނދުގައި އޮންނަން ޖެއްސި މީހަކަށް މިވަނީ ސްޓޭޓް މިނިސްޓަރުގެ މަޤާމު ދެއްވާފައެވެ.

އެހެންކަމުން، ދިވެހި ރައްޔިތުން ރައީސް ސޯލިހު ވެރިކަމަށް ހޮވީ މުޖުރިމުންނަށް ޝަރަފުވެރިކަން ދިނުމަށްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...