ލޯންޗް ގޮއްވާލުމުގެ ކުރިންވެސް އަދީބާއި މެދު ވާނީ ފިޔަވަޅު އަޅާފައި- ރައީސް ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ފިޔަވަޅު އަޅަން ފެށީ ލޯންޗުކޮޅު ގޮއްވާލުމުގެ ފަހުން ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބައެއް މެންބަރުންނަށް މަޖިލިސް އިންތިޚާބުގެ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ލޯންޗް ގޮއްވާލުމުގެ ހާދިސާގެ މާކުރިންވެސް އަދީބާ މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.

ލޯންޗް ގޮއްވާލުމުގެ ކުރިންވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން އެނގުމުން އަހުމަދު އަދީބާ ޤާނުނު އަރާ ހަަމަކޮށްފައިވާނެ ކަމަށާ އަދި އެކަން އެގޮތަށް ހިނގާފައިވޭތޯ ނުވަތަ ނޫންތޯ ވެސް އެނގޭނީ އޭގެ ކުރިން ހިނގާފަހުރި ކަންތައްތައް ބަލާ ހޯދުމުން ކަމަށާ ނޫސްވެރިންވެސް އެކަންކަން ބަލާ، ހަޤީގަތް ހޯދަން ޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީން ފަޅުރަށްތައް ކުއްޔަށް ދޫކުރިގޮތުގެ ތަފްޞީލު ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި ބޭންކުތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާކަން އެނގުނު ވަގުތުން ފެށިގެން އަދީބާމެދު ވާނީ ފިޔަވަޅު އަޅާފައި ކަމަށެވެ.

އެފަދަ ބޮޑު ހިޔާނާތެއް ހިނގާ އިރު އެކަން ރައީސަށް އެނގޭނެ ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ޔާމީނާ ސުވާލު ކުރުމުން ވިދާޅުވީ، އެކަން ހުއްޓުވަން ފިޔަވަޅު އަޅާފައި ވާނީ ސީދާ ރައީސް އޮފީހުން ކަމަށެވެ. އަދި އެކަމުން އެމަނިކުފާާނަށް ފައިދާ ވާ ނަމަ އެމަނިކުފާނު އެކަން ހުއްޓުވާނީ ކީއްވެތޯ ވެސް ރައީސް ޔާމިން ސުވާލު ކުރެއްވެވިއެވެ.

ޕީޕީއެމް އިން ބޭއްވި އެ ބައްދަލުވުމުގައި 18 ދާއިރާއަކަށް ވާދަކުރައްވާ މެމްބަރުންނަށް ވަނީ ޓިކެޓް ހަވާލުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...