ކޮމަންވެލްތާއި ގުޅެން މައުމޫނަށް މިހާރު އޯކޭ؟

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިކުރުވަން ނިންމުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ރާގު ބަދަލުވެއްޖެއެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ހިތާއި ދެކޮޅަށް ގިނަ ޕާޓީތައް ގުޅިގެން މަސައްކަތް ކުރިއިރު ވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހޮވިވަޑައިގަތުމުން، އެމަނިކުފާނުގެ ހިތް ރުއްސަން ޕާޓީތަކުގެ ވެރިން ދަނީ އެކިއެކި މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ކެބިނެޓުގައި ބައިތިއްބަން ބޭނުން ނުވާ ބޭފުޅުންނަށް މަޤާމު ދެއްވުމުންވެސް، ހަނު ތިއްބެވުމާއި ރައީސް ސޯލިހު ކުރައްވާ ކޮންމެ ކަމަކަށް އާން ބަސް ބުނުން ހިމެނެއެވެ.

މިއަދުވެސް ފެނިގެން މިދަނީ ހަމަ އެމަންޒަރެވެ. ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ 1982ވަނަ އަހަރު ކޮމަންވެލްތުގައި ހާއްސަ މެމްބަރެއްގެ ގޮތުގައި ބައިވެރވުމުގެ ފުރުސަތު ލިބި 1985ވަނަ އަހަރު ދާއިމީ މެމްބަރެއްގެ މަޤާމު ރާއްޖެއަށް ލިބުމުން އުފާކުރެއްވިކަމަށެވެ. އަދި ކޮމަންވެލތުގެ ވެރިންގެ ސަމިޓުގައި ރާއްޖޭގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުސުތަކު އެކި ފަހަރުމަތިން ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ކޮމަންވެލްތާއި އަލުން ގުޅުމަށް ރައިސް ސޯލިހުގެ ސަރުކާރުން ނިންމެވުމުން އުފާ ކުރައްވާކަމަށެވެ.

ނަމަވެސް މައުމޫންގެ އެ ޓްވީޓަކީ ހިތުން ރުހުމުން ކުރައްވާފައިވާ ޓްވީޓެއް ނޫންކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެފަދައިން އެ ފަރާތްތަކުން ހާމަކުރަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މީގެ ފަސް އަހަރު ކުރިން 2013ވަ އަހަރު ޕީޕީއެމްގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ކޮމަންވެލްތާއި ރާއްޖޭގެ ހާލަތު ބަދަލުވެއްޖެކަމަށާއި ކޮމަންވެލްތުން މާބޮޑު ފައިދޭއެއް ނުވާކަމަށް ވިދާޅުވީ ހަމަ މައުމޫން ނޫންތޯ؟ އެދުވަހު ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކޮމަންވެލްތުން ރާއްޖޭގެ ކަންތައްތަކާއި ބެހެމުންދާ ކަމަށާއި ރާއްޖޭގެ ސިޔާސަތުތަކާއި ކުޅެމުންދާކަމަށެވެ. އަދި އެކި ފަރާތްތަކަށް އެހީ ދީގެން ރާއްޖޭގައި ހަމަނުޖެހުން ހިންގާތީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ޖެހޭކަމަށްވެސް މަޢުމޫން ވަނީ ވިދާޅުވެފައެވެ.

މައުމޫން މީގެ ކުރިން އެފަދައިން ވިދާޅުވެފައިވާއިރު، މިއަދު ރާގު ބަދަލުވެފައިވަނީ ރައީސް ސޯލިހު ހިތްރުއްސަން ކަމާމެދު ގިނަ ބަޔަކު މިއަދު ޤަބޫލުކުރޭ. މައުމޫން ކުރެއްވި ޓްވީޓަކީ ހިތުން ރުހުމުން ކުރެއްވި ޓްވީޓަކަށް ވާނަމަ، 2013ވަނަ އަހަރު މައުމޫން މިވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޮޑު އޮޅުވާލުމަކުން އޮޅުވާލައްވާފައެވެ.

ސިޔާސީ މަސްރަހުގައި އެފަދަ ކުލަ ބަދަލުކުރާ ބޯވަތައް ގިނަކަމީ ހުރިހާ ދިވެހިންވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...