ސަފީރުންގެ ގޮތުގައި އައްޔަން ކުރަން 8 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

ރާއްޖޭގެ ފަރާތުން އދ. ގައި ހުންނާ ދާއިމީ މަންދޫބާއި ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ޑރ. ފަރަހަނާޒް ފައިސަލް ކަނޑައަޅުއްވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ކަމަށެވެ. އަދި ޑރ. ޢަބްދުﷲ މަޢުސޫމް ޢައްޔަން ކުރެއްވަނީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި ކަމަށެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސެވެ. އަދި އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ.

އަދި މަޖިލީހުގައި ކެލާ ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވިއެވެ. މި ދެ ބޭފުޅުންގެ އިތުރުން، ރައީސް ޞާލިޙު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް އުފެއްދެވި ޓްރާންސިޝަން ކޮމެޓީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުގައި ހުންނެވި ހ. ސީވީޑް އަޙްމަދު ލަތީފްގެ ނަންފުޅުވެސް ވަނީ މަޖިލީހަށް ފޮނުވާފައެވެ. ލަތީފް ޢައްޔަން ކުރެއްވުމަށް ރައީސް ނިންމަވާފައިވަނީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށެވެ.

އޭނާއަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެއެވެ. ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކަނޑއެޅުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ ގ.ފިޔާތޮށިގެ އަލްފާޟިލް ޙަސަން ޞާބިރާގެ ނަންފުޅުއެވެ. ޞާބިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ފޮނުއްވެވި ނަމަކީ ހ.ދޫރިހާ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މ. ނޫރިހި، އަލްފާޟިލާ ތިލްމީޛާ ޙުސައިން ޢައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައިވާއިރު މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.އާޒާދެވާދީ، އަލްފާޟިލާ ވިސާމް ޢަލީ އަދި ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ހ.ހިކިފިނިފެންމާގެ، އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު، ނަންފުޅު ރައީސް ޞާލިޙު ވަނީ ފޮނުއްވާފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...