އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރަން ނިހާން ގޮވާލައްވައިފި

އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުތަނުން ކުޑަ ކުރުމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފައި.

އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުތަނުން ކުޑަ ކުރާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދުން އަވަސް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފިއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގުހަތަރުސަތޭކަ ރުފިޔާއާއި ހަތްސަތޭކަ ފަންސާސް ރުފިޔާއާއި ދެމެދުގެ އަގުތަކަށް ކުޑަ ކުރަންޖެހޭކަމަށެވެ. އޭނާގެ ޓްވީޓްގައި އެތެރޭގެ އުދުހުންތައް ބޮޑުތަނުން ހެޔޮކުރުމުން އަގުތައް ހުންނަންވާނެ ވަރުކަމަށް ނިހާން ޤަބޫލުކުރައްވާ އަގުތައްވެސް ވަނީ ހާމަކުރައްވާފައެވެ.

އެ އަގުތަކަކީ:

މާލެއިން ބ.ދަރަވަންދޫއަށް 400 ރުފިޔާ.
މާލެއިން އިފުރަށް 500ރުފިޔާ.
މާލެއިން ދ.ކުޑަހުވަދޫއަށް 550 ރުފިޔާ.
މާލެއިން ތ.ތިމަރަފުއްޓަށް 600 ރުފިޔާ.
މާލެއިން ހދ.ހަނިމާދޫއަށް 650ރ ރުފިޔާ.
މާލެއިން ހދ.ކުޅުދުއްފުއްޓަށް 650 ރުފިޔާ.
މާލެއިން ލ.ކައްދޫއަށް 650 ރުފިޔާ.
މާލެއިން ގއ.ކޫއްޑޫއަށް 700ރުފިޔާ.
މާލެއިން ގދ.ކާޑެއްދުއަށް 700ރުފިޔާ.
މާލެއިން ފުވައްމުލަކަށް 750 ރުފިޔާ.
މާލެއިން ގަމަށް 750 ރުފިޔާ.

އެގޮތަށް ހެދުމުން އެތެރޭގެ އުދުހުމުގެ ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އެކަމާ ގުޅޭގޮތުން އިތުރަށް ނިހާން ވިދާޅުވީ، ބޮޑުތަނުން އަގު ކުޑަ ކުރުން ކަމުގައި އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަނީ ފަންސާސް އިންސައްތަ އަގު ހެޔޮވުން ކަމަށާއި، މިހާ ބޮޑު ވައުދެއް ވެފައިވާއިރު، މިކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައިވެސް ހިމެނިފައި އޮންނަންވާނެ ކަމަށެވެ.

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގައި ގިނަ އެއާޕޯޓުތަކެއް ތަރައްޤީކޮށް، މާލޭ ވައިގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފައްޓަވާ، އެކަމުގައި އުއްމީދީ ކުލަ ޖައްސަވާ ދެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިހާރު ގިނަ އެއާޕޯޓުތަކެއް ނިމުމުގެ މަރުޚަލާގައި އޮތްއިރު، ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަކީ ދިވެހިން ދެކެމުން އަންނަ ހުވަފެނެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...