މާލޭގައި ފެންބޮޑުވުން: ޒިންމާ ނަގަން ޖެހޭނީ ކާކު؟

އިއްޔެ ހެނދުނު ކުރަން ފެށި ވިއްސާރައާއި ގުޅިގެން މާލެއަށް 223.5 މިލިމީޓަރުގެ ވާރޭ ވެހި ހުރިހާ މަގުތަކެއްގައި ފެންބޮޑުވެފައިވޭ. ފޮޓޯ/ ޗެނަލް13

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރައްޔިތުންނަށް ފެނިގެންދިޔައީ، ޤައުމުގައި ހިނގާދިޔަ ކޮންމެ ކަމެއްވެސް ސިޔާސީ ބޮޑު މައްސަލައަކަށް ހެދި މަންޒަރެވެ.

ސަރުކާރަށް ފާޑު ކިޔުމުގެ ނަމުގައި، އޭރު އިދިކޮޅު ފަރާތްތަކުން ވަނީ، ޤުދުރަތީ ގޮތުން ހިނގި ކަމަކަށް ވިޔަސް އެކަމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް ޔާމީން ކަމަށް ބުނަމުންނެވެ. އެހެންނަމަވެސް، އެފަރާތްތަކަށް ވެރިކަން ލިބުމާއެކު، ޤުދުރަތީ ކާރިސާތަކަކީ އެކަންކަމާއި ގުޅިގެން ސަރުކާރަކަށް މާބޮޑު ކަމެއް ކުރެވޭނެ ކަންކަމެއް ނޫންކަމަށް މިވަނީ ބުނަން ފަށާފައެވެ.
 
އިއްޔެ އަކީ ވެރިރަށް މާލެއަށް ރިކޯޑު މިންވަރަކަށް ވާރޭ ވެހުނު ދުވަހެކެވެ. އިއްޔެ ހެނދުނު ކުރަން ފެށި ވިއްސާރައާއި ގުޅިގެން މާލެއަށް 223.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އެއާއެކު މާލޭގެ ހުރިހާ މަގުތަކެއްގައި ފެންބޮޑުވިއެވެ. މުޅި މާލެ އޮތީ ފެނުއަޑީގައި ކަމަށް އެތައް ބަޔަކު ސިފަކުރިއެވެ. ސަތޭކައަށް ވުރެ ގިނަ ގެއަށް ފެންވަދެ، ދެ އާއިލާއެއްގެ 20 މީހަކަށް ވަނީ ވަގުތީ ހިޔާވަހިކަންވެސް ފޯރުކޮށްދޭން ޖެހިފައެވެ.

ބޯކޮށްވާރޭ ވެހުމުން ވެރިރަށް މާލޭގެ ހާލަތު އެފެންވަރަށް ވެއްޓުނުއިރު، އެންމެ ގިނަ މީހުން ބުނަމުން ދިޔަ އެއް ވާހަކައަކީ، މިހާރު ވެރިކަމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނޫން ކަމަށާއި، ހައުސިން މިނިސްޓަރަކަށް ހުންނެވީ ކުރީގެ ސަރުކާރުގައި އެމަޤާމުގައި ހުންނެވި ޑރ.މުޙައްމަދު މުއިއްޒުވެސް ނޫން ކަމަށެވެ. އެހެންކަމުން، ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެގެން އެވާހަކަ ދައްކަން އޭރު އިދިކޮޅުގައި ތިބި މީހުން، އިއްޔެ ހިނގި ފެންބޮޑުވުމުގެ ހާދިސާގެ ޒިންމާ ނުނަގާނަންތޯ ގިނަ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހުނުއިރު، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ. އިއްޔެ މާލޭގެ މަގުތައް "އާތިފާވީތޯ"ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ.

ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރީ ހަމައެކަނި އާންމުންނެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުންވެސް ވަނީ އިއްޔެ ކުރި ވިއްސާރައާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ، އެމްޑީޕީގެ ސަރުކާރުގައިވެސް ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވާ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވިއިރު، ވެރިކަމުގައި ހުންނެވީ ރައީސް ޔާމީން ނޫން ކަމަށާއި، އަދި ހައުސިން މިނިސްޓަރގެ މަޤާމްގައި ހުންނެވީ މުއިއްޒު ނޫން ކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރުން، ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ސަރުކާރަކުން ގަސްތުގައި ފެން ނުހިންދައި ނުތިބޭނެ ކަމަށެވެ. ނިހާން ވިދާޅުވީ ތިރި ޖަޒީރާ ރަށްތަކަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ވަގުތުކޮޅަކަށް ފެން ބޮޑުވާނެ ކަމަށެވެ. ފުރާނައަށް ނުރައްކާ ނުވާ ނަމަ ކެތްތެރިކަމާއި އެކު ޝަކުވާ ނުކޮށް، މަޑުކޮށްލުމަށްވެސް ނިހާންގެ ޓުވީޓުގައި ވަނީ އެދިވަޑައިގެންފައެވެ.

ނިހާން ކުރެއްވި ޓްވީޓް.

ފާޑުކިޔުންތައް އަމާޒުވާން ފެށުމާއެކު، ޤުދުރަތީ ގޮތުން ދިމާވާ ބައެއް ކަންތައްތަކަކީ، ސަރުކާރަކަށް މާބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަންކަމެއް ނޫންކަން ބައެއް ބޭފުޅުންނަށް މިއަދު ވަނީ އެނގިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވާރޭ ވެހިގެން މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވިއިރު، މާލޭގައި ޤާއިމްކޮށްފައިވާ ފެން ހިންދާ ނިޒާމަށް ބަޔަކު ގެއްލުން ދީފައިވާކަން އޭރުގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. ފެން ހިންދަން ބޭނުންކުރާ ގިނަ ޕަންޕް ސްޓޭޝަންތަކުގެ ޕެނަލް ބޯޑަށް ގެންލުންދީ ހަލާކުކޮށް އަދި ބައެއް ޕަންޕް ސްޓޭޝަންތަކުގެ ކަރަންޓު ސަޕްލައި ކަނޑާލިއިރު، އެކުރެވެނީ ކިހާވަރެއްގެ ކަމެއްކަން، އެކަން ކުރި ބަޔަކަށް ނޭނގުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

އެކަން ކުރި ބަޔަކު ބޭނުންވީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް ކޮށްދެއްވާފައިވާ ކަންކަން ނައްތާލުމަށެވެ.

ފެންބޮޑުވުމާއި ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މަގުމައްޗަށް ނުކުމެވަޑައިގެން އެމްއެންޑީއެފްއިން މާލޭގެ މަގުތަކުގައި ފެން ހިންދަން ކުރަމުން ދިޔަ މަސައްކަތް ބައްލަވާލައްވާފައެވެ. އަދި މިއަދު ހެނދުނު ހައުސިން މިނިސްޓަރ އާތިފާވެސް ވަނީ ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހުނު ބައެއް މީހުންނާއި ބައްދަލު ކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މަހޫ 06 ޑިސެމްބަރު 2018 - 15:32

    މިހާރުގެ ވެރިޔަކީ އިސްލާމްދީނާ ވަރަށް ބީރަށްޓެހިމީހެއް ދީނީއެއްވެސް ޕްރޮގްރާމެއް ބާއްވާތަނެއް ނުފެނޭ.މުޅިން ޔަހޫދީން ހިންހަމަޖައްސަން އުޅޭތަން ފެންނަނީ.

  2. ދަސް 06 ޑިސެމްބަރު 2018 - 15:28

    މިކަމުގެ ޒިންމާނަގަންޖެހޭނީ މިސަރުކާރު އެއީ ދީނުގެ ހުކުމްތަކަށް ގޮންޖަހަމުން އެދަނީ މިސަރުކާރުން

ގުޅުން ހުރި
Loading...