ހުވާއީ ކުންފުނީގެ ސީއެފްއޯ ހައްޔަރުކޮށްފި

ހުވާއި ކުންފުނީގެ ސީއެފްއޯ މެންގް ވެންޒޫ.

ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ނަން މަޝްހޫރު ކުންފުނި، ހުވާއީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މެންގް ވެންޒޫ ކެނެޑާއިން ހައްޔަރުކޮށްފިއެވެ.

ކެނެޑާގެ ޖަސްޓިސް މިނިސްޓަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ހުވާއީގެ ސީއެފްއޯ ހައްޔަރުކުރީ މި ހިނގާ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކެނެޑާގެ ވެންކޯވަރއިން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ، އޭނާ އާއި ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ކޮށްފައިވާ ދައުވާ އަކާއި ގުޅިގެންކަމަށްވެސް އެބަަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިހާރު އެ ދައުވާގެ އަޑު އެހުމެއް ހުކުރު ދުވަހަށް ތާވަލްކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ. އަދި އެ މައްސަލައިގެ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މެންގް ހައްޔަރު ކުރުމާއި ގުޅިގެން ހުވާއީން ނެރުނު ބަޔާނުގައި ވަނީ އެ ކުންފުނީގެ ސީއެފްއޯ ހައްޔަރު ކުރުމުން ވަރަށް ބޮޑު ސިހުމެއް ލިބިގެން ދިޔަކަމަށާއި އެކަމަނާ ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރާކަމުގެ މައުލޫމާތެއް މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށެވެ. މެންގް ހައްޔަރު ކުރުމާއި ގުޅިގެން ކެނެޑާގައި ހުންނަ ޗައިނާ އެމްބަސީއިން ދަނީ އެކަމަނާ ވަގުތުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...