އަޟްހާ އީދާއި ގުޅިގެން އުޟްހިޔާ ކަތިލައިފި

އަޟްހާ އީދާއި ގުޅިގެން މިއަހަރުވެސް އުޟްހިޔާ ކަތިލައިފިއެވެ.

އީދާއި ގުޅިގެން އުލްހިޔާ ކަތިލުމަކީ ކޮންމެ އަހަރެއްގައިވެސް ކުރަމުން އަންނަކަމެކެވެ. މިއަހަރުވެސް ރާއްޖޭގައި އުލްހިޔާ ކަތިލުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އީދު ނަމާދަށްފަހު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި އުލްހިޔާ ކަތިމުގެ ހަރަކާތް އަގީގާ އެމްވީ އަދި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ އަންހެން ގޮފީގެ ރައީސާ އައިމިނަތް ހަބީބާ ވިދާޅުވީ މިއަހަރު އަޟްހާ އީދާއި ދިމާކޮށް 75ކަށްވުރެ ގިނަ ބަކަރި ކަތިލާފައިވާކަމަށެވެ. އަދި ބަކަރި ކަތިލުމަށް ފަހު މީހުން އަންނަ ތަރުތީބުން ބަކަރި މަސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.


ހަބީބާ ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަ މިއަހަރު ދިވެހިންގެ މެދުގައި އުލްހިޔާ ކަތިލުމުގެ ކަންކަމަކަށް އަހުލުވެރި ވެފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން ގިނަ އަދަދެއްގެ އާންމުން އުލްހިޔާ ކަތިލާ ސަރަހައްދަށް ޖަމާވެފައިވާކަން ފާހަގަކޮށްލެވެއެވެ.


މީގެ އިތުރުން އުލްހިޔާ ކަތިލުމާއި ގުޅޭގޮތުން އަގީގާ އެމްވީގެ ފައުންޑަރ ވިދާޅުވީ މީގެކުރިން ނުލިބޭހާ ބޮޑު ތަރުހީބެއް މިއަހަރު ލިބިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު އުލްހިޔާ ކަތިލުމުގެ އންތިޒާމުތަށް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަކަރި އިތުރުކޮށް މާލެ ގެނައުމުގެ އިންތިޒާމުތަށް ހަރުދަނާ ކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އީދު ދުވަހާ ގުޅިގެން އެޗްޑީސީއިން ވަނީ ހުޅުމާލޭގައިވެސް އުލްހިޔާ ކަތިލާފައި. އެގޮތުން ހުޅުމާލޭގައި 20 ބަކަރިއާއި އެއް ގެރި ވަނީ ކަތިލާ އާންމުނަށް ސަދަގާތްކޮށްފައެވެ. އަދި ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލާ މަރުކަޒު ފިޔަވަށްޗަށް ވެސް ސަދަގާތްކޮށްފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް އުޟުހިޔާ ކަތިލާފައިވާކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...