ރާޖަޕަކްސަގެ ހުރިހާ ބާރުތަކެއް އެ ޤައުމުގެ ކޯޓުން ހިފަހައްޓައިފި

ސްރީލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސާ.

ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެޤައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި، މަހިންދަ ރާޖަޕަކްސަގެ ހުރިހާ ބާރުތަކެއް އެ ޤައުމުގެ ސުޕްރީމް ކޯޓުން ހިފަހައްޓައިފިއެވެ.

ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާގެ ޕާޓީކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީއިން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކޯޓުން ނިންމާފައި ވަނީ ރާޖަޕަކްސަގެ ވެރިކަމަކީ ގާނޫނީ ވެރިކަމެއްކަން ކަނޑައެޅެންދެން އެމަނިކުފާނާއި، ކެބިނެޓަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކަނޑަނާޅާހާ ހިނދެއްގައި ރާޖަޕަކްސަ ވެރިކަމުގައި ހުންނެވުމުގެ ސަބަބުން ގައުމަށް ފޫނުބެއްދޭ ފަދަ ގެއްލުން ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އެ މައްސަލައިގެ އަޑުއެހުން މި މަހުގެ 12 އަދި 13 ވަނަ ދުވަހު ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާޖަޕަކްސަގެ އިތުރުން އޭނާގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންގެ ބާރުތައްވެސް ވަނީ ހިފަހައްޓާފައެވެ.

މީގެ ކުރިން ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެގައުމުގެ ބޮޑުވަޒީރާއި މިނިސްޓަރުންގެ ހަރަދުތައް ހުއްޓުވަން ފާސްކޮށްފައެވެ. ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، އެގައުމުގެ ބޮޑުވަޒީރުގެ މަޤާމުން ރަނިލް ވިކްރަމަސިންހަ ދުރު ކުރެއްވުމަށްފަހު އެމަގާމަށް ރާޖަޕަކްސަ އަައްޔަން ކުރެއްވީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި އެގައުމުގެ ޕާލިމެންޓު ސިރިސޭނާ އުވާލެއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ނިންމުންވެސް ބާތިލުކޮށްފައެވެ.

އޭގެ ފަހުން، ބޮޑުވަޒީރު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރިއެވެ. ނަމަވެސް އެ ވޯޓު ގާނޫނާ ހިލާފު ކަމަށް ވިދާޅުވެ، ރައީސް ސިރިސޭނާ އެ ނިންމުންތައް ގަބޫލުފުޅެއް ނުކުރައްވައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...