މިޔަންމާ ދޫކޮށްފައިދާން މަސައްކަތް ކުރި ރޮހިންޔާގެ މުސްލިމުންތަކެއް ގެނބިގެން މަރުވެއްޖެ

މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ދަތުރު ކުރަމުން ދިޔަ ރޮހިންޔާގެ މުސްލިމުންތަކެއް ގެނބިގެން މަރުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި، މިޔަންމާއާއި ބަންގްލަދޭޝްއާއި ދެމެދު އޮންނަ ނާފް ކޯރު ހުރަސްކުރަން އުޅުމުގެ ތެރޭގައި 26 މީހުން ގެނބިގެން މަރުވެފައިވާ ކަމަށެވެ.
އަދި މަރުވި މީހުންގެ ތެރޭގައި 15 އަންހެނުންނާއި 11 ކުޑަކުދިން ހިމެނޭ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓާ އިސް އޮފިޝަލަކާއި ހަވާލާދީ ބޭރުގެ މީޑީޔާތަކުގައި ބުނެފައިވަނީ ނާފް ކޯރުން ދަތުރު ކުރި ބޯޓުން އިތުރު މީހަކު ގެއްލިފައިވާކަން ކަށަވަރު ވެފައިނުވާ ކަމަށެވެ.
މިޔަންމާގެ ރޮހިންޔާގެ ދަރިކޮޅު މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސިފައިން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން، މިހާތަނަށް އެތައް ބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކޮށްފައެވެ.
އެގޮތުން ހަތާވީސް ހާހަށްވުރެ ގިނަ މީހުން މިޔަންމާ ކައިރީގައި އޮންނަ ބަންގްލަދޭޝްއަށް ވަނީ ހިޖުރަކޮށްފައެވެ.
ރަހައިން ސްޓޭޓްގައި ދިރިއުޅެމުން އަންނަ މިލިއަނެއްހާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.
މިޔަންމާގެ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނީ ރަހައިން ސްޓޭޓްގައި ހުރި ފުލުހުންގެ ޕޯސްޓްތަކަކަށް ބަޔަކު ހަމަލާ ދިނުމާއި ގުޅިގެންނެވެ.
އެގޮތުން ފުލުހުންގެ ޕޯސްޓްތަކަށް ހަމަލާ ދީފައިވަނީ ރަހައިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމުން ކަމަށް މިޔަންމާގެ ސިފައިން ވަނީ ތުހުމަތުކޮށްފައެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.