ނަމުން ޞާލިހަކަސް، ކަމުން ޞާލިހެއް ނޫން!

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަކީ ޞާލިހެއް ކަމަށާއި، މި ބިމުގައި އިސްލާމީ ވަހުދަތު ޤާއިމްކޮށް އިސްލާމީ ޝަރީޢަތް ހިންގޭނީ ޤައުމުގެ އެންމެ އިސްވެރިޔަަކަށް އެފަދަ ޞާލިހަކު އިންތިޚާބު ކުރައްވައިގެން ކަމަށް އިންތިޚާބުގެ ތެރޭގައި ބައެއް ފަރާތްތަކުން ދިޔައީ ބުނަމުން. ނަމަވެސް އިންތިޚާބުވެ ވަޑައިގެންނެވުމަށްފަހު ފެނިގެންދާ މަންޒަރަކީ އެމަނިކުފާނުގެ ބަސްފުޅާއި އަމަލުފުޅު ދިމާނުވާ މަންޒަރެވެ.

17 ނޮވެމްބަރު 2018ގައި މިޤައުމުގެ ވަލިއުއްޔުލްއަމްރުގެ މަޤާމާއި ޅ.ހިންނަވަރު، ނޫރާނީގޭ އިބްރާހިމް މުހައްމަދު ޞާލިހު ހަވާލުވެވަޑައިގެންނެވީ މި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓަވާނެކަމަށާއި، އަދި މި ލޮބުވެތި ފަސްގަނޑުގައި އޮތް އިސްލާމީ ނޫރު ކަމުގައިވާ މާތްވެގެންވާ އިސްލާމް ދީން ޙިމާޔަތް ކުރައްވާނެ ކަމަށް މާތް ﷲ ގަންދީ ހުވާކުރެއްވުމަށްފަހުއެވެ. މި ޤައުމުގެ މިނިވަންކަމާއި އިސްލާމީ ނޫރަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކުރައްވާ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ފެއްޓެވުމާއެކު ފެނިގެން ދިޔައީ އިސްލާމްދީނާ ގުޅުންހުރި ގިނަ ކަންތައްތަކަށް ގޮންޖައްސަވަން ފެއްޓެވި މަންޒަރެވެ.

އެގޮތުން ރައީސް ޞާލިހުގެ ސަރުކާރުން ވަނީ އިސްލާމްދީނުގައި މަރުގެ އަދަބު ދިނުމަށް އަންގަވާފައިވާ އެންގެވުން މި ޤައުމުގައި ތަންފީޒު ނުކުރައްވާނެ ކަމުގެ ޔަގީންކަން ބޭރު ޤައުމުތަކަށް ދެއްވާފައެވެ. އޭގެ ފަހުން ދެން އިވިގެން ދިޔައީ އެމަނިކުފާނުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެއް ކަމަށްވާ މާފަންނު އިތުރު ދާއިރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ ޤާނޫނީ ވަކީލުންނަށް ހުއްދަ ދޫކުރުމާއި ޤާނޫނީ ވަކީލުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމުގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މަންޒަރެވެ.

އަދި އެ ބިލަށް ސަރުކާރުން ތާއިދު ކުރައްވަމުން ގެންދަވާތީ އެކަމާ ދެކޮޅަށް މި ޤައުމުގެ ދީނީ އިލުމުވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދީނީ އިލްމުވެރިން ސިފަކުރާ ގޮތުގައި އެއީ މި ޤައުމުން އިސްލާމީ ޝަރީޢަތް ނައްތާލުމަށްޓަކައި ދުރާލާ ރާވާއިގެން ކުރަމުން އަންނަ ކަމެއް. މި ސަރުކާރުގެ އަމަލުތައް މިހެން ހުރުމުން ދީނަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއްގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، މި ސަރުކާރުގެ "ލާދީނީ" ސިޔާސަތަށް އާ ބޮޅެއްވަނީ އިތުރުވެގެން ގޮސްފައެވެ.

އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދު، ޖަމާއަތުގައި އެއްފަހަރާ 2000 މީހުންނަށް ކުރެވޭނެހެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އިސްލާމީ މަރުކަޒު ސަރަހައްދުގައި 5000 އަކަފޫޓުގެ ސަރަހައްދެއްގައި މާބްލްޖަހާ ޖާގަ ތަނަވަސްކޮށް ދެއްވިއެވެ. ހުކުރު ނަމާދުގައިވެސް ގިނަބަޔަކު މިސްކިތުން ބޭރުގައި ޖަމާޢަތާ ގުޅޭ މިސްކިތަކަށް އިސްލާމީ މަރުކަޒުވެފައިވާއިރު، އެ މަރުކަޒުގެ ބޭރުގައި ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ޖަހާ ދިން މާބްލްތައް ތަޅާ ސުންނާފަތި ކުރަމުންދާ މަންޒަރު ފެންނަމުންދާކަމީ ރައީސް ޞާލިހުގެ ސަރުކާރުން ދީނީ ކަންކަމަށް ލޯބި ކުރައްވާ މިންވަރާއި ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެކެވެ. ރައީސް ޞާލިހުގެ ސަރުކާރުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައިވާ މާބްލުތައް ތަޅާލުމަކީ، އެ މިސްކިތަށް ނަމާދަށްދާ އެތައް ބަޔަކަށް އޭގެ އަސަރުކުރާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކުދަނީ ބުނަމުންނެވެ.

ރައްޔިތުންގެ ފައިދާއާއި ލާބަޔަށްޓަކައި ހިންގާފައިވާ އެފަދަ ބޮޑެތި ބިޔަ މަޝްރޫޢުތައް އުވާނުލެއްވުމަށާއި ޤައުމުގެ މަޞްލަހަތު އިސްކުރެއްވުމަށް ކުރީގެ ސަރުކާރުން އެފަދަ މަޝްރޫޢުތައް ހިންގެވި ހައުސިން މިނިސްޓަރ ޑރ،މުހައްމަދު މުއިއްޒުވެސް މީގެ ކުރިން ވަނީ މި ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ޒާތީކަންކަން އިސްނުކޮށް ކޮންމެ ކަމެއްގައިވެސް ރައްޔިތުންގެ ފައިދާއަށް ވިސްނުމަށްވެސް ގޮވާލެއްވިއެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ރައީސް ޞާލިހު ކުރީގެ ސަރުކާރުން ހިންގާފައިވާ ބިޔަ ބޮޑެތި މަޝްރޫއުތައް އުވާލުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ.

ޚާއްޞަކޮށް ދީނީ ކަންކަމަށް އެމަނިކުފާނުގެ ސަރުކާރުން ގޮން ޖައްސަވަމުން ގެންދަވާތީ ދިވެހި ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވެފައެވެ. އޮޅުވާލި ވޯޓަކުން ޤައުމުގެ ރައީސްކަމަށް ވަޑައިގެން ހުންނެވި ކަމަށް ގިނަ ދިވެހި ރައްޔިތުން ތުހުމަތު ކުރަމުން އަންނަ، ރައީސް ޞާލިހުގެ ކެމްޕެއިންގެ ދުވަސްވަރު، އެމަނުކުފާނަކީ ޞާލިހެއްކަމަށާއި، ޞާލިހަކަށް ވޯޓު ދެއްވުމަށް އެމްޑީޕީއަށް ތާއީދުކުރާ ގިނަބަޔަކު ބުނަމުން ގެންދިޔައެވެ.

ނަމަވެސް އެމަނިކުފާނާ ވާދަކުރެއްވި، އޭރުގެ ރައީސް ޔާމިނަށް ތާއީދުކުރެއްވި ގިނަ ރައްޔިތުން ބުނަމުން ދިޔަ ވާހަކަ ތަކަކީ ތެދުކަން މިއަދު މިދަނީ ހާމަވަމުންނެވެ. ތެދެކެވެ. ނަމުން ޞާލިހަކަސް ކަމުން ޞާލިހަކު ކަމުގައި ނުވެދާނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ހިތް 06 ޑިސެމްބަރު 2018 - 12:39

    ކިހިނެތް

ގުޅުން ހުރި
Loading...