މިފަހަރު ބެލޮންޑިއޯ އެވޯޑް މޮޑްރިޗަށް

ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރ، ލޫކަ މޮޑްރިޗްއަށް ލިބިއްޖެއެވެ.

މޮޑްރިޗަށް އެ އެވޯޑު ލިބިފައިވަނީ، ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. އެ އެވޯޑު އޭނާއަށް ލިބުނުއިރު، ދެވަނަ ލިބުނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.

ތިންވަނަ ލިބިފައިވަނީ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޮއިން ގްރިޒްމަންއަށެވެ. އަދި ހަތަރު ވަނަ ލިބިފައިވަނީ، ފްރާންސްގެ ކިިލިއަން އެމްބާޕޭއަށެވެ. އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީއަށް ލިބުނީ ފަސް ވަނައެވެ.

ބެލޮންޑިއޯ އެވޯޑު މޮޑްރިޗް ހޯދުމުން އޭނާ ވެގެން ގޮސްފައިވަނީ 2007 ވަނަ އަހަރަށްފަހު، ބާސެލޯނާއަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފިޔަވައި، އެ އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
 
ރޮނާލްޑޯ އާއި މެސީ ވަނީ، އެ އެވޯޑު މީގެކުރިން ފަސް ފަހަރު ހޯދާފައެވެ. މޮޑްރިޗަށް އެވޯޑް ލިބުނުއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ރެއާލްއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މޮޑްރިޗަކީ އެއް އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، ބެލޮންޑިއޯ ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. ލިބުނު ކާމިޔާބީ ސިފަ ކުރަމުން މޮޑްރިޗް ބުނެފައިވަނީ، އެ ކާމިޔާބީ އަކީ ހުވަފެނުންވެސް ނުދެކޭ ފަދަ ކާމިޔާބީއެއް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...