އުފާވެރި ކައިވެންޏަކަށް އެދޭނަމަ ކަންތައް ކުރަންވީ ގޮތް ރަންވީރް ކިޔައިދީފި

ރަންވީރް ސިންހް އަދި ދީޕިކާ ޕަދުކޯން ކައިވެނިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ކައިވެންޏަށް ފަހު އެންމެ ފަހުން ބޭއްވި ހަފްލާ އެދެތަރިން ޚާއްސަކޮށްފައިވަނީ، ބޮލީވުޑްގެ ފަންނާނުންނަށެވެ. ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގައި ބޭއްވި އެ ރިސެޕްޝަންގައި ބޮލީވުޑްގެ އެންމެ މަޤްބޫލް ތަރިން ފެނިގެން ދިޔައެވެ. އެހަފްލާގައި ރަންވީރް ވަނީ އުފާވެރި ކައިވެންޏަކަށް އެދޭނަމަ، ކަންތައް ކުރަން ޖެހޭ ގޮތް ހިއްސާކޮށްފައެވެ.

"އެއީ އަނބިމީހާ ބުނާ ކޮންމެ އެއްޗަކަށް އާނއެކޭ ބުނުން!" ރަންވީރް ސިންހް ބުންޏެވެ.

ރަންވީރް އެހެން ބުނުމުން، ގިނަ މީހުން ދަނީ އޭނާ އަކީ ވަރަށް "ކިޔަމަންތެރި" ފިރިއެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ރަންވީރް ބުނީ އޭނާއާއި ދީޕިކާ ކައިވެނި ކުރީ ރައްޓެހިވެގެން އުޅޭތާ 6 އަހަރު ފަހުން ކަމަށެވެ. އަދި އެދެމީހުންގެ ގުޅުމަށް 6 މަސްވީއިރު، ރަންވީރް ކައިވެނި ކުރަން ބޭނުންވާ މީހަކީ ދީޕިކާކަން އެނގުނު ކަމަށްވެސް އޭނާ ބުންޏެވެ. އޭގެ އިތުރުން، އޭނާގެ ދަރިންގެ މަންމައަކަށްވާންވެސް އެންމެ އެކަށީގެންވާ މީހަކީ ދީޕިކާކަން އެނގުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ރަންވީރް ބުނީ ކައިވެނި ލަސްކުރީ ދީޕިކާ އެކަމަށް ތައްޔާރު ނުވާތީ ކަމަށެވެ. އަދި ދީޕިކާއަށް ކައިވެނި ކުރަން "ރެޑީ" ވެވުނު އިރަކުން އެކަން ކުރަން ތައްޔާރަށް ހުރި ކަމަށްވެސް ރަންވީރް ބުނެފައިވެއެވެ.

އިޓަލީގެ ލޭކް ކޯމޯގައި އެދެތަރިން ކައިވެނި ކުރިއިރު، ކައިވެނީގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ ދީޕިކާ ބޭނުންވި ގޮތަށެވެ. ރަންވީރް ބުނީ، އޭނާ ބޭނުންވީ ދީޕިކާ އުފާކޮށްދިނުމުގެ ގޮތުން އޭނާ ބޭނުންވާ ގޮތަށް ކައިވެނީގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަން ކަމަށެވެ. އަދި ދީޕިކާގެ އުފަލަކީ އޭނާގެ އުފާ ކަމަށްވެސް ރަންވީރް ބުންޏެވެ.

ބޮލީވުޑްގެ ތަރިންނަށް ޚާއްސަ ހަފްލާއެއްގެ އިތުރުން، ރަންވީރް އަދި ދީޕިކާ ވަނީ އާއިލާއަށް ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ. ބެންގަލޫރޫގައި އެހަފްލާ ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ރަންވީރް އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ރާމްލީލާގެ ޝޫޓިންގެ ތެރެއިންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...