ހަތަރު ލީޑަރުންގެ ނުފޫޒުގެ ސަބަބުން ރައްޔިތުންގެ ބާރު ދަށްވަނީ

ރައީސް ސާލިހުއާއި ނައިބު ފައިސަލް ގެ އަރިހުގައި ކޯލިޝަނުގެ ހަތަރު ލީޑަރުން. ފޮޓޯ: މިހާރު

ހަތަރު ލީޑަރުންގެ ނުފޫޒު ގަދަވާން ފެށުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެކި ފަރާތްތަކުން ހާމަކުރާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުން ދުރުކުރުމަށް ރާވައިގެން ހަތަރު ލީޑަރުންގެ އަމިއްލަ އެދުމަށް ކޯލިޝަނެއް ހެދި ނަމަވެސް މިހާރު ކޯލިޝަންގެ ނުފޫޒު ހުރިހާ ކަމެއްގައިވެސް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ވެސް ކޯލިޝަން ހަތަރު ލީޑަރުންގެ ނުފޫޒު ގަދަވެފައިވާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާއިރު ރައްޔިތުންގެ އަތުން އެ ޙައްޤު ނިގުޅައިގަނެ، ޤާނޫނު އަސާސީއާއި ޚިލާފަށް ހުރިހާ ނިންމުމެއް ނިންމަމުން ދަނީ ހަތަރު ލީޑަރުން ކަމަށް ވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަރުކާރު ކޯލިޝަނުގެ ލީޑަރުންގެ ނުފޫޒުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރުމުގައި އެންމެ އިސްކޮށް ފެނިގެންދަނީ އެމްޑީޕީގެ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ. އަދި އެ ފަރާތްތަކުން އެފަދައިން ބުނަމުންދަނީ ކޯލިޝަން ސަރުކާރު އައުމާއެކު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއަށް ގިނަ ބާރުތަކެއް ލިބެން ފެށުމާއި ގުޅިގެންނެވެ.

ކޯލިޝަން ސަރުކާރަށްފަހު ޖުމްޙޫރީ ޕާޓީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މައިނޯރިޓީގެ މަޤާމް ހޯދާފައެވެ. އަދި ކެބިނެޓުގައި ނުފޫޒު ގަދަ މަޤާމުތަކާއި ގިނަ ސްޓޭޓް މިނިސްޓަރުންވެސް އެޕާޓިގެ މެމްބަރުންނަށް ވަނީ ދީފައެވެ.

އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކުރަމުން އަންނައިރު ރައްޔިތުންގެ މަޖީލީހުގައި ވާދަކުރާ ދާއިރާތަކާއި ވާދަކުރާނެ މެމްބަރުން ކަނޑައެޅުމަށް ހަތަރު ލީޑަރުންގެ މެދުގައި މަޝްްވަރާތައް ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ ސަރުކާރެއް ޤާއިމުކުރުމަށް ވެރިކަމަށް އައި ބަޔަކު ހަތަރު ލީޑަރުންގެ ސަރުކާރެއް ހިންގަމުން ދާތީ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި "ތަބަކާއި ދެކޮޅަށް" ގެ ނަމުގައި ހޭޝްޓެގެއް ބޭނުންކުރަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...